ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވި ވަރާ ކައިރިއަށްވެސް ، ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ، 58 ވަނަ މިނިވަންދުވަހުގެ މުނާޞަބާގައި ދިވެހިޤައުމާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ކޯވިޑާއި ގުޅިގެންނާއި، އަދި މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭ އިޤުތިޞާދަށް އަރަމުންދާ ލޮޅުންތަކާއި އެކަމުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ އަސަރުގެ މައްޗަށްވެސް އަލި އަޅުއްވާލައްވާ، އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، ރަޝިޔާ–ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގާ، މުދަލުގެ އަގު، އިންތިހާއަށް އުފުލިފައިވާކަމަށެވެ.

"އެހެން ނަމަވެސް، އޭގެ އަސަރު އެހެން ބައެއް ޤައުމުތަކުގެ ރައްޔިތުންނަށް ކުރާ މިންވަރާ ގާތަށްވެސް އަދި ދިވެހިންނަކަށް އަސަރު ނުކުރާ ކަމަށާއި، ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވި ވަރާ ކައިރިއަށްވެސް ، ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަން"

އެމަނިކުފާނު ވިދާޅުވިއެވެ.

މިނާޒުކު ދަނޑިވަޅު ރާއްޖޭގެ އިޤުތިޞޯދުގެ ހަމަ ހިފެހެއްޓުމަށް، އަޅަންޖެހޭ ފިޔަވަޅު އެޅުން ކޮންމެހެން މުހިންމު ކަމަށާއި، ރައްޔިތުންނަށް ލިބިދެވޭ ޚިދުމަތްތަކަށް އަރާ ބުރުލާ، އަންނަ ގުޑުން ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މިގޮތުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު ޒިންމާއަކީ، އެހިނދަކު ދުނިޔެއަށް ކުރިމަތިވާ ކޮންމެ ކޮޅިގަނޑަކުން ސަލާމަތްވެ، ރައްޔިތުންނާއިގެން އަމާން ބަނދަރަކަށް ވަދެވޭނެ މިސްރާބަށް ދީލާލުން ކަމަށެވެ.