ޤައުމެއްގެ މިނިވަންކަމަކީ، އެ ޤައުމެއް ދިރިދެމިއޮތުމުގެ އެންމެ މުހިއްމު ރުކުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ، 58 ވަނަ މިނިވަންދުވަހުގެ މުނާޞަބާގައި ދިވެހިޤައުމާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ މިނިވަންދުވަހު މުނާސަބަތުގައި ރައީސް މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤްލާލް "އެކީ-އެއްމާރަކުން ބަނދެވިގެންވާ" ޙަޤީޤީ ސިއްރަކީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. އަދި އިސްލާމް ދީނުގެ ރިސާލަތާއި، ހިދާޔަތުން ދިވެހި އުންމަތް އެކުއެކީ، އަލިވެ އުޖާލާވެގެން ދިޔުމަކީ ދެ ދުނިޔޭގައިވެސް، ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ނަޞީބާއި ރަޙްމަތްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖެ، ރާއްޖޭގެ ގޮތުގައި ފުރާފުރިހަމަވި ސަބަބަކީ މުސްލިމް ދިވެހި ރައްޔިތުންކަން ފާހަގަކުރައްވައި، ދުނިޔޭގައި ހިނގާ ތަފާތު ފިކުރީ އޮއިވަރުން ނެއްޓި، މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުން އަބަދުވެސް ދިވެހިންނަށް ލާޒިމްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށްޓަކައި އެންމެ ފުރަތަމަ ރައްކާތެރިވެ ޙިމާޔަތްކުރަން ޖެހެނީ، ދިވެހިންގެ އީމާނާއި ޢަޤީދާއާއި މާތްވެގެންވާ އިސްލާމްދީން ކަމަށް ވިދާޅުވިއެވެ.
"ޤައުމެއްގެ މިނިވަންކަމަކީ، އެ ޤައުމެއް ދިރިދެމިއޮތުމުގެ އެންމެ މުހިއްމު ރުކުން. ޞުލްޙަ މަސަލަސްކަމާއި، ހަމަޖެހުމާއި، އުފާފާގަތިކަމާއި، ތަރައްޤީ ގުޅިލާމެހެނީ، މިނިވަންކަމުގެ ފޮނިމީރުކަމާ" ރައީސް ވިދާޅުވިއެވެ.
ދިވެހިންނަކީ ފެށުނީއްސުރެ، މިނިވަންކަމަށް ލޯބިކުރާ ބައެއް ކަމަށާއި، އެކީ އެކަތިގަނޑެއްގެ ގޮތުގައި، މިނިވަންކަމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ދިވެހިން ވަނީ ވެފައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންޑިއާ ކަނޑަށް ދޮށީ މި ޤައުމުގެ، ލިޔެވިފައި ނެތް ޤަދީމީ ތާރީޚާއި، އޭގެފަހުގެ ތާރީޚުން މި މަންޒަރު ސާފުކޮށް ބަޔާންވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"މިނިވަން މުސްތަޤިއްލު، އަމިއްލަ ވެރިކަމެއްގައި ދެމިތިބުން ނޫންގޮތަކީ، ދިވެހިން ރުހޭގޮތެއް ނޫން. އަޅުގަނޑުމެންގެ ޖީލުތައް، އެގޮތުގައި އެތައްހާސް އަހަރެއް މިވަނީ ވޭތުކޮށްފައި" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެންމެން އެކުގައި، އެއްބައިވަންތަވެ އެކަތިގަނޑަކަށް ވެގެންމެނުވީ، މިނިވަންކަން ލިބުނު ޤައުމެއް، ޖަމާޢަތެއް ނެތްކަމަށެވެ. އަދި މިނިވަންކަމުގެ މަތީގައި ދެމިތިބުމަށްޓަކައިވެސް، އެނޫން އެހެން ގޮތެއް ނޯންނަކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެދޭގޮތާއި، ދެކޭގޮތާއި، ގަބޫލުކުރާގޮތާ އެކުއެކީ، ކަންކަމުގައި ޚިޔާލު ތަފާތުވުމަކީ އިންސާނީ ޠަބީޢަތްކަމަށާއި، ކޮންމެ ބައެއް ކަމުގައިވިޔަސް، އެއީ އެކަން އޮންނަ ގޮތްކަމަށެވެ. އެހެން ނަމަވެސް، މިނިވަންކަމުގެ ރާސްތާ އޮމާންކަމާއި، އަމާންކަމުގައި ޤަރާރުވެ ދެމިއޮތުމަށްޓަކައި، މި ދެންނެވި ހުރިހާ ތަފާތެއް އެއްފަރާތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
"ސަބަބަކީ މިނިވަންކަމުގެ އުފަލާއި، އޭގެއަސަރާއި ރަހަ، އެހެން ހުރިހާ އިޙްސާސްތަކާ ތަފާތު. މިނިވަންކަމުން ފަރުދުންނަށް ލިބޭ ޙައްޤުތަކާއި، އިމްތިޔާޒާއި އިޚްތިޔާރަކީ، އެންމެންނަށް ހަމަހަމަ އެކައްޗެއް" ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!