އެސްޓީއޯގެ ކޮންސަލްޓެންޓެއްގެ މަގާމުގައި ހުރި ސޫޒަން އިބްރާހިމްފުޅުގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން އެންގި އެންގުމާ ދެކޮޅަށް އެސްޓީއޯއިން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ.
އެމްޑީޕީގައި ހަރަކާތްތެރިވާ ސޫޒަންގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިދިޔަ މަހު އެންގުމުން އެ ނިންމުން އިސްތިއުނާފް ކުރަން ހައި ކޯޓަށް އެސްޓީއޯއިން ހުށަހެޅީ ދައުލަތުގެ އިދާރާއަކަށް އެސްޓީއޯ ނުވާ ކަމަށް ބުނެ އެވެ.
ހައި ކޯޓުން މައްސަލަ ބަލައިނުގަތުމަށް އިއްޔެ ނިންމީ ދައުލަތުގެ އިދާރާގެ ތެރޭގައި ސަރުކާރު ކުންފުނިތައް ހިމެނޭނެ ކަމަށް އެ ކޯޓުން ކުރިން ނިންމާފައިވާތީ އެވެ. އެހެންވެ، އެސްޓީއޯއިން ހުށަހެޅި އިސްތިއުނާފް ބަލައިނުގަނެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގާފައިވަނީ ސޫޒަންގެ މުސާރަ އާއި އިނާޔަތްތަކާއި އޭނާ ވަޒީފާއަށް އައްޔަންކުރި ގޮތާއި އޭނާގެ މަސައްކަތްތައް ހަތް ދުވަސް ތެރޭގައި ހާމަ ކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!