ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެކަން ބަޔާންކޮށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން “އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ” ތަފްޞީލީ، އިލްމީ ކަރުދާހެއް އެކުލަވާލާ އާންމުކޮށްފި އެވެ.
މިއަދު އެޕާޓީން ނެރުނު މި ކައރުދާހުގައި ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރެވޭ ޔޯގާ ދުވަހާއި ގުޅިގެން ދިވެހިރާއްޖޭގައިވެސް ދައުލަތުގެ ފެންވަރުގައި ރަސްމީކޮށް އެދުވަސް ފާހަގަ ކުރަމުންދާތީ ރައްޔިތުންނާއި ދީނީ ޢިލްމުވެރިންގެ ފަރާތުން ކަންބޮޑުވުންތަކެއް ފެންމަތިވެފައިވާކަމަށާއި، މިކަމާގުޅިގެންނާއި، އަދި ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ކޮންމެވެސް ވަރަކަށް ޔޯގާގެ ޙަރަކާތްތައް ކުރިއަށް ދާތީ، ދީނީ ގޮތުން މިފަދަ ކަންކަން އޮންނަ ގޮތާއި އޭގެ ޢިލްމީ ތަފްސީލުތައް އެނގުމަކީ މުހިއްމު ކަމެއްކަމުކަމުގައި ވާތީ ޔޯގާ އާ ގުޅޭ ގޮތުން ތަފްޞީލީ، އިލްމީ ކަރުދާސް “އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ” ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ހުށަހަށާކަމަށެވެ.
އެކަރުދާހުގައި ބުނެފައިވަނީ، ބަވަނަވެފައިވާ މިއަދުގެ ދުނިޔޭގައި އެކި ދީންތަކާއި ޤައުމުތަކުގެ ޘަޤާފަތްތައް އެއް ގައުމުން އަނެއް ގައުމަށް އަންނަމުންދާ ހިނދު އަޅުގަނޑުމެން ފަދަ ސައްތައިން ސައްތަ މުސްލިމު މުޖުތަމަޢަށް އަންނަ އާދަކާދަތަކާއި ޘަޤާފަތްތަކަކީ އިސްލާމްދީނާ ފުށުއަރާ ކަމެއްކަމުގައި ވިޔަދީގެން ނުވާނެކަމަށެވެ.
މި ދިރާސާގެ އަލީގައި ޔޯގާގެ ޙަރަކާތްތަކާއި ޢަމަލުތަކުގެ އަސްލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުވެ ބަޔާންވެގެން ދާކަމަށް ބުނެފައިވެއެވެ.
"އިސްލާމީ ދިވެހި މި ދީބުގައި މިފަދަ ކަމެއް ފެތުރި އާއްމުވެ ދިޔަނުދިނުމަށް އިންތިހާއަށް ސަމާލުވާންޖެހެއެވެ. އެހެންކަމުން މިކަންކަމަށް ސަމާލުވެ އިސްލާމީ އަސާސްތަކާއި އުސޫލުތައް ހިފަހައްޓާ ނެގެހެއްޓުމަށް ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާއަށާއި ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރަމެވެ."
އެ ކަރުދާން ނިންމާލަމުން ބުނެފައިވެއެވެ.
އެކަރުދާހުގައި ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެ 5 ސަބަބެއް ބަޔާން ކޮށްފައިވެއެވެ.
- ޝިރުކުގެ ޢަމަލު ޔޯގާގެ ތެރޭގައި ހިމެނޭތީ:
ޔޯގާގެ ޙަރަކާތްތަކާއި ޢަމަލުތަކުގެ ތެރޭގައި އިސްލާމީ ޢަޤީދާއާ ފުށުއަރާ، ކަނޑައެޅިގެން ޝިރުކުގެ ޢަމަލު ހިމެނެއެވެ. އެހެނީ އޭގައި އިރުގެ ނަންތައް ކިޔާ، އިރަށް ތަޢުޡީމުކޮށް ކުރުނީސްކުރުމުން، މާތް ﷲ ފިޔަވާ އެހެން ފަރާތެއް އަޅުކަން ކުރުމުގައި ބައިވެރި ކުރެވެއެވެ. އަދި ހިންދޫ ކަލާނގެއަށް ދެންނެވުމާއި ހިންދޫ ކަލާނގެ މަތިވެރި ކުރުން ހިމެނެއެވެ. އެވެސް ޝައްކެތްނެތްގޮތުގައި މާތްﷲ އާ އެހެން މަޚުލޫޤަކާއި ބައިވެރިކުރުން ނުވަތަ އެއްފަދަ ކުރުމަކީ ޝިރުކުގެ ޢަމަލެކެވެ. އަދި ބާޠިލް ކަލާނގެއެއް މަތިވެރި ކުރުމަކީ ޝިރުކުގެ ތެރެއިން ވާކަމެކެވެ. އަދި އިރަށް ބޯލަނބާ މާތްﷲއަށް ދޭ ޤަދަރު ދިނުމަކީވެސް ޝިރުކެވެ. މިހުރިހާ ކަމެއް ޔޯގާގެ ތެރޭގައި ހިމެނިގެން ވެއެވެ. މާތްﷲ ވަނީ އެއިލާހަށް ޝިރުކު ކުރުން ވަރުގަދައަށް މަނާކުރައްވާ ނަހީކުރައްފައެވެ. އަދި ޝިރުކު ކުރާ މީހާގެ އެންމެހާ ޢަމަލުތައް ބާޠިލުވާނެކަމަށް އަންގަވާފައެވެ. އަދި ޝިރުކު ކުރުންމަތީ މަރުވެއްޖެ މީހާގެ އާޚިރު މަންޒިލަކީ ގަދަފަދަ ޢަޒާބުގެ ގޯތި ކަމުގައިވާ ނަރަކަ ކަންވެސް އަންގަވާއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿ إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ٧٢﴾ [سورة المائدة] މާނައަކީ: ” ހަމަކަށަވަރުން اللَّه އަށް ޝަރީކުކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: ޝަރީކުކުޅަ މީހުންނަށް) ނަޞްރުދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.”
އަދިވެސް މާތްﷲ ވަޙީކުރައްވާފައިވެއެވެ. ﴿لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ ٦٥﴾ [سورة الزمر] މާނައަކީ: “ކަލޭގެފާނު ޝަރީކުކުރައްވައިފި ނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާޠިލުވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.
- ޔޯގާ ހެދުން އެހެން ދީނެއްގެ ތެރެއިންވާތީ ނުވަތަ އެހެންދީނަކާ ވައްތަރުވާތީ:
ދިރާސާގެ ކުރީގެ ބާބުތަކުގައި ބަޔާންކުރެވިފައިވާ ފަދައިން ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމެއްކަށް އެއްވެސް ޝައްކެތްނެތް މިންވަރަށް ޔަޤީންވެއެވެ. އަދި ހިންދޫން ފިޔަވާ އެހެން މީހުންނަށްވެސް މިކަން ތަޢާރަފް ވެފައިވަނީ ހިންދޫންގެ ފަރާތުންނެވެ. އެހެންކަމުން ޔޯގާ ހެދުން ވެގެންދަނީ ހިންދޫ ދީނުގެ ތެރެއިންނެވެ. ނުވަތަ ހިންދޫ ދީނަށް އަޅުކަން ކުރާ މީހުންނާއި އެއްގޮތްވުންތަކެއް ހިމެނޭ ކަމެއްގެ ގޮތުގައެވެ. މި ދެކަންތައްވެސް ވަނީ އިސްލާމްދީނުގައި ވަރުގަދައަށް މަނާކުރައްވާ ޙަރާމް ކުރައްވާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ ) [14] މާނައަކީ: “ބަޔަކު މީހުންނާއި އެއްގޮތް ވެގަންފި މީހަކީ އެބައިމީހުންގެ ތެރެއިންވާ މީހެކެވެ.”
- ޔޯގާގެ ތެރޭގައި އިސްލާމީ އަޤީދާއާ ފުށު އަރާ ކަންކަން ހިމެނޭތީ:
ހިންދޫ ދީނުގައި ޔޯގާ ހަދާ މީހުން ޤަބޫލުކުރާ ގޮތުގައި ޔޯގާއަކީ އެބައިމީހުންގެ މަތިވެރި ކަލާނގެއަށް ކުއްތަންވެ އަދި އާޚިރުގައި ކަލާނގެއާ އެކުވެ އެކަތިގަނޑަކަށް ވުމަށް ކުރާ ކަމެކެވެ. މިއީ ކަލާނގެއާއި މަޚްލޫޤުން އެކުވުމުގެ އަޤީދާ ނުވަތަ ޙުލޫލުގެ ޢަޤީދާއެވެ. މި ޢަޤީދާގެ މީހުން ޤަބޫލު ކުރާ ގޮތުގައި ކަލާނގެއާ އެކުވުމުން ދެން، އޭނާއަށް ޚާއްޞަ ބާރުތަކެއް ލިބިގެންދެއެވެ. އެގޮތުން އެބައިމީހުން ދެކޭގޮތުގައި ޔޯގާގެ ތެރެއިން މީހާއަށް މުޠުލަޤު ބާރު ލިބެއެވެ. ޔޯގާގެ ވަކި ޙާލަތަކަށް ދިޔުމުން އެމީހާ ބޭނުންކަމެއް ކުރުމުގެ ކުޅަދާނަކަށް އެމީހާއަށް ލިބިގެން ދެއެވެ. އަދި ޣައިބުގައިވާ ކަންކަންވެސް އެމީހަކަށް އެނގުމުގެ ކުޅަދާނަކަން ލިބިގެން ދެއެވެ.
އަދި އެބައިމީހުން އިޢުތިޤާދު ކުރާގޮތުން އެންމެ މަތިވެރި ރޫޙެއް (ނުވަތަ ކަލާނގެއެއް) ވެއެވެ. އެ ރޫޙަކުން މީސްތަކުންނަށް ރޫޙުލިބިގެން ވެއެވެ. މި ރޫޙުތައް މަރުވުމެއް ފަނާވުމެއް ނުވެއެވެ. އަދި މީހާ މަރުވުމަށްފަހު އެހެން މީހަކަށް އެ ރޫޙު ބަދަލުވެއެވެ. އޭގެ ސަބަބުން ރޫޙަށް ހަމަޖެހުމެއް ނުވާކަމަށް ދެކެވެ. އަދި ޔޯގާ ހަދާ އޭގެ ތެރެއިން މިކަމަށް ޙައްލު ލިބޭކަމަށް ދެކެވެއެވެ.
އަދި އެބައިމީހުން ދެކޭ ގޮތުގައި ކޮންމެ މީހަކަށްވެސް އެތައް ޙަޔާތެއް ލިބިގެން ވެއެވެ. އަދި ޔޯގާގެ ސަބަބުން ކުރީގެ ޙަޔާތުގައި ހެދިފައިވާ ގޯސްތަކާއި މެދު ހިތާމަކޮށް ކަންބޮޑުވާކަށް ނުޖެހޭނެއެވެ. މިއީ އިސްލާމްދީނުގައި އާޚިރަތް ދުވަހަށް އީމާންވުމުގެ ތެރެއިން އަންނަ ކަންކަމާއި ކަނޑައެޅިގެން ޚިލާފު ކަންކަމެވެ.
- ޔޯގާގާއި ހިމެނޭ އަސާނާ (ASANA) ތަކުގައި އެކި ކަލާނގެ އަށް ކުއްތަންވުން ހިމެނޭތީ:
އަސާނާއަކީ ޔޯގާގެ ތިންވަނަ އުންސުރެވެ. އެއީ ޔޯގާއި ކުރާ ޙަރަކާތްތަކާއި ހުއްޓުންތަކެވެ. އަސާނާގެ މާނައަކީ ސާބިތުވުން ނުވަތަ ސާބިތުކަމާއެކު އިށީދެ އިނުމެވެ. ޔޯގާގެ ތެރޭގައިވާ އެކިއެކި ހުއްޓުންތައް (Postures) ތަކަކީ އެކިއެކި ކަލާނގެތައް ތަޢުޡީމުކޮށް މަތިވެރިކުރުމަށް ތިބޭ ތިބުމެކެވެ. ޝިވާ ކަލާނގެއާއި އިރާއި ހަނދާއި ހަރުފަ ކަލާނގެ ފަދަ އެބައިމީހުން ޤަބޫލުކުރާ ކަލާނގެތަކާއި ކުއްތަންވުމަށް ހުއްޓޭ ހުއްޓުމެކެވެ. އަދި އިންސާނާއަށް ލިބިފައިވާ އެތައް ޙަޔާތެއް ބައެއް ފަހަރު ހައިވާނުންނާއި ދޫނި ފަދަ ތަކެތީގެ ގޮތުގައިވެސް ވާކަމަށް އެބައިމީހުން އިޢުތިޤާދު ކުރެއެވެ. އެހެން އެވަނީ އެބައިމީހުންގެ ކުއްފާފައިގެ ސަބަބުންނެވެ. އަދި އަސާނާ ނުވަތަ ޔޯގާގެ ތެރޭގައިވާ ހުއްޓުންތަކުގެ ސަބަބުން އެކަމުންވެސް އެބައިމީހުން މިންޖުވެދެއެވެ. އަދި އަސާނާ ހަރަކާތްތަކަކީ މިނޫންވެސް ހިންދޫން އިޢުތިޤާދުކުރާ އެތައް ކަމެއް ޙާސިލްވާ ކަމެއްކަމަށް ދެކެވެ.
- ޔޯގާގާއި ހިމެނޭ ދިހިޔާނާ (DHYANA) ގައި އިސްލާމްދީނާ ފުށު އަރާ ކަންކަން ހިމެނޭތީ:
ދިހިޔާނާ (DHYANA) އަކީ ޔޯގާގެ ހަތްވަނަ އުންސުރެވެ. އެއީ ވަކި ކަމަކަށް އަމާޒުކޮށް ވިސްނާ ފިކުރުކޮށް އެހެން ހުރިހާކަމަކުން ވިސްނުން އެއްކިބާ ކުރުމެވެ. އެހެންގޮތަކަށް ބުނާނަމަ ވިސްނުން ހުސްކޮށްލުމެވެ. މެޑިޓޭޝަންގެ ވައްތަރެއްގެ ގޮތުގައިވެސް ބައެއް މީހުން ފާހަގަ ކުރެއެވެ. އެހެނަސް ޔޯގާގެ ތެރެއިން ކުރެވޭ މެޑިޓޭޝަން އަކީ އިސްލާމީ އުސޫލުތަކާ ފުށުއަރާ ކަމެކެވެ. އެހެނީ ދިހިޔާނާ ނުވަތަ ޔޯގާ މެޑިޓޭޝަންގެ އެންމެ ބޮޑު ބޭނުމަކީ ސިކުނޑި ހުސްކޮށްލުން ނުވަތަ ސިކުނޑި ހުއްޓާލުމެވެ. އެއްވެސް ވަރަކަށް ސިކުނޑި ތެރޭގައި ވިސްނުން ނުގެންގުޅުމެވެ. މިއީ އިންސާނާއަށް ދުނިޔެ މަތީ ވާނުވާ ނޭނގޭނެ ވަގުތުކޮޅެކެވެ. އެހެނީ އިންސާނާގެ ބުއްދިއާއި ވިސްނުމުން އެއްކައިރި ވުމަކީ ބުއްދިއާއި ވިސްނުން ބޭނުންކުރުމާއި އެކަމަށް ދީނުގައި ދެވިފައިވާ އަހަމިއްޔަތާއި ފުށުއަރާ ކަމެކެވެ. ހަމަ އެއާއެކު ދިހިޔާނަ ނުވަތަ ޔޯގާ މެޑިޓޭޝަން އަކީ އޭގެތެރެއިން ޣައިބުގެ ޢާލަމަށް ވާސިލް ކޮށްދޭ ނުވަތަ އެކަމަށް މަގުފަހިކޮށްދޭ ކަމެއްގެ ގޮތުގައި ހިންދޫން އިޢުތިޤާދު ކުރެއެވެ. އަދި އެބައިމީހުންގެ ކަލާނގެއާ އެކަތިގަނޑަކަށް ހަދާދޭ ކަމެއްކަމުގައި އެބައިމީހުން ދެކެވެ. މިއީ އިސްލާމްދީނުގެ ޢަޤީދާއާ ޚިލާފު ޞަރީޙަ ކުފުރެވެ. والله أعلم
Karudhaas: Islaamee fiqhuveringe meezaanugai Yogahttps://t.co/wFvTve8vO8 pic.twitter.com/gowjmqdZsB
— Adhaalath Party (@AdhaalathOffice) July 25, 2022
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!