މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، ބަންދުކޮށްފައިވާ ޓިކްޓޮކް އަދި ފިލްމީތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) ޝަރުތުތަކާ އެކު މިއަދު ބަންދުން ދޫކޮށްލައިފި އެވެ.
މއ. އުދުހޭކޮކާ ގެއިން 300 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ހުނޫ އާއި އިތުރު ދެ މީހަކަށް ދައުލަތުން ދައުވާކޮށް، އެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭގެ ތެރެއިން ހުނޫ ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލަން ނިންމީ ބަންދު މުރާޖާ އަޑުއެހުމުގަ އެވެ.
ހުނޫ ދޫކޮށްލަން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ނިންމެވީ ޝަރީއަތަށް އެއްބާރުލުން ދިނުމާއި މާލެއިން ބޭރަށް ނުދިއުމުގެ އިތުރުން އިތުރު ކުށެއް ނުކުރަން ޝަރުތުކޮށްފަ އެވެ.
ހުނޫ ދޫކޮށްލިޔަސް، އޭނާއާ ދައުވާލިބޭ ދެވަނަ މީހާގެ ބަންދު ކޯޓުން މިއަދު ދެމެހެއްޓި އެވެ. އަދި ތިން ވަނަ މީހާ ވެސް އަދިވެސް ހުރީ ބަންދުގަ އެވެ. އެގެއިން ފެނުނު މަސްތުވާތަކެތީގެ ޒިންމާ ތިން ވަނަ މީހާ ވަނީ ނަގައިފަ އެވެ.
އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، ހުނޫގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާއި އެއް ލައްކައިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގެ ޖޫރިމަނާއެއް އަންނާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!