ރާއްޖޭގައި ހިންގަމުންދާ ސަރުކާރު ސުކޫލުތަކަށް 2020 ވަނަ އަހަރަށްބޭނުންވާ ބިދޭސީ ޓީޗަރުން ގެނެސްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގައި ރާއްޖެއިން ބޭރުގެ އޭޖެންސީތަކަށްވެސް ބައިވެރިވެވޭގޮތަށް ހަމަޖައްސަވާފައިވާތީ، މޯލްޑިވްސް އެސޯސިއޭޝަން ފޯރ އެމްޕްލޯއީމެންޓް އޭޖެންސީސް (އެމްޕްލޯއީމެންޓް އޭޖެންސީސް އެސޯސިއޭޝަން) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުން ގެނައުމުގެ މަސައްކަތް 2009 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަނީ އެކަމަށްޓަކައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބީލަން އުސޫލުން ކުރައްވާ އިޢުލާނަކަށް އިޖާބަދެއްވާ ދިވެހި އޭޖެންސީތަކުގެ ތެރެއިން، އެ މިނިސްޓްރީއިން ކަނޑައަޅުއްވާފައިވާ މިންގަނޑުގެތެރެއިން ހޮވޭ ދިވެހި އޭޖެންސީތަށް މެދުވެރިކޮށެވެ.
ރާއްޖޭގައި ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއް ހިންގަންވާނީ އެކަމަށް ކަޑައެޅޭ މިނިސްޓްރީގައި ރެޖިސްޓްރީކޮށްގެންކަމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 68 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފަރާތުން ސްކޫލްތަކަށް 2020 ވަނަ އަހަރަށްބޭނުންވާ ބިދޭސީ ޓީޗަރުން ގެނެސްދިނުމަށް ބީލަން އުސޫލުން 2 އެޖެންސީއެއް ހޯދުމަށް ކުރި އިޢުލާނުގައި ބީލަމުގައި ރާއްޖެއިން ބޭރުގެ އޭޖެންސީތަކަށްވެސް ބައިވެރިވެވޭގޮތަށް ހަމަޖައްސަވާފައިވާތީ، އެ އެސޯސިއޭޝަނުގެ ފަރާތުން ނުހަނު ކަންބޮޑުވާކަމަށް އެފަރާތުން ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.
މިމަހުގެ 20 ވަނަ ދުވަހު އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ އާއި އެކު ބޭއްވި ބައްދަލުވުމުގައި މިކަމުގެ ކަންބޮޑުވުން ހިއްސާކުރެއްވި ކަމަށާއި، އަދި ހަމައެކަނި ދިވެހި އޭޖެންސީތަކަށް އޮތް ފުރުޞަތު އޮންނާނެ ގޮތަށް ކަންތައްތައް ތަރުތީބު ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވެލެއްވި ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ޓެކްނިކަލް ބޭފުޅުންނާއެކު 21 އޮކްޓޯބަރ 2019 ވަނަ ދުވާހު ބޭއްވުނު ބައްދަލުވުމުގައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީގެ ބަސްފުޅާ ޚިލާފަށް، ބިދޭސީ ޓީޗަރުން ގެނައުމުގެ މަސައްކަތްކުރުމަށް މިހާރު ރޭވިފައިވާގޮތްނޫން އެހެންގޮތަކަށް އެ މަސައްކަތް ކުރެވޭނެ އެއްވެސް ޖާގައެއްނެތްކަމަށް، މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުން ވިދާޅުވެ، އެ ބައްދަލުވުން ނަތީޖާއެއް ނުނެރެވި، މާޔޫސްވެގެން ނިންމާލަން ޖެހުމަކީ އެ އެސޯސިއޭޝަނުން ނުހަނު ހިތާމަކުރާކަމެއްކަމަށް ވެސް އެމްޕްލޯއީމެންޓް އޭޖެންސީސް އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
އަންނަ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ގެނައުމަށް ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓް ތަކަކީ، އެޓަރނީޖެނެރަލްގެ އޮފީހުން ޤާނޫނީ ލަފާ ހޯއްދަވާފައިވާ ޑޮކިއުމަންޓްތަކެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވުވެފައިވާ ކަމަށާއި، އެޓަރނީޖެނެރަލްގެ އޮފީހުން ޤާނޫނީ ލަފާ ހޯއްދަވާފައިވަނީ، ބިދޭސީ ޓީޗަރުން ހޯއްދެވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދިވެހިބަހުން ތައްޔާރުކުރައްވާފައިވާ އުޞޫލަށް ކަމަށް އެމްޕްލޯއީމެންޓް އޭޖެންސީސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
ނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީއިން 15 އޮކްޓޯބަރ 2019 ގެޒެޓްގައި ޝާއިޢުކުރައްވާފައިވާ އިޢުލާނާއެކު ޢާއްމުކުރައްވާފައިވާ ވަނީ އިގިރޭސި ބަހުން އޮތް އުސޫލަކާއި ބީލަން ކަރުދާހެއް ކަމަށް އެ އެސޯސިއޭޝަނުން ވިދާޅުވިއެވެ.އެޑިޔުކޭޝަން މިނިސްޓްރީން އާއްމުކުރައްވާފައިވާ ދިވެހިބަހުން ތައްޔާރުކުރައްވާފައިވާ އުޞޫލާއި އެ އުޞޫލުގެ އިގިރޭސި ތަރުޖަމާގައި ފުށުއެރުންތަކެއް ހުރި ކަމަށްވެސް އެ އެސޯސިޢޭޝަނުން ވިދާޅުވިއެވެ.
ދިވެހި ކުންފުނިތަކަށް އިސްކަން ދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ތަންފީޒުކުރުމާއެކު، 2020 ވަނަ އަހަރަށް ރާއްޖޭގެ ސްކޫލްތަކަށް ބިދޭސީ ޓީޗަރުން ގެނައުމުގެ މަސައްކަތް އެއީ ހަމައެކަނި ދިވެހި އެޖެންސީތަކަށް ވާދަކުރެވޭ މަސައްކަތެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، މިނިސްޓަރ އޮފް އެޑިޔުކޭޝަނަށް އިލްތިމާސްކުރާކަމަށާއި، ކުދި އަ ދި މެދުފަންތީގެ ވިޔަފާރިއަށް އިސްކަންދިނުމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތަށް އިޙްތިރާމްކުރުމަށް އެމްޕްލޯއީމެންޓް އޭޖެންސީސް އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!