މިއަހަރުގެ ފުރަތަމަ ހަ މަސް ނިމުނު އިރު އޭޝިއާ ޕެސިފިކްގެ ހޮޓެލް އިންވެސްޓްމަންޓް ބޮޑުތަނުން ކުރިއަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ރިޕޯޓުތަކަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު އެއް ރިއަލްއެސްޓޭޓް ކުންފުނި ކަމަށްވާ ޖޭއެލްއެލް ކުންފުނީގެ ރިޕޯޓްތަކެވެ. މިއީ ރާއްޖޭގައި ވެސް ގިނަ ރިސޯޓްތައް ވިއްކުމުގައި އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ.
އެ ކުންފުނީގެ ރިޕޯޓްތަކާ ހަވާލާދީ ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު މި ސަރަހައްދުގެ ހޮޓެލް އިންވެސްޓްމަންޓް ވަނީ ކުރީ އަހަރާ އަޅާ ބަލާއިރު 33 އިންސައްތަ އިތުރުވެފައި ކަމަށެވެ. މިއީ މި ސަރަހައްދުގެ ފަތުރުވެރިކަން ކުރިއަރައިގެންދާ ކަމުގެ ހެއްކެއް ކަމަށްވެސް ވަނީ ފާހަގަ ކޮށްފައެވެ.
ކޯވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގެ ފަތުރުވެރިކަން މަޑުޖެހިފައި އޮތުމަށްފަހު މިހާރު ދަނީ ރިކަވާ ވަމުންނެވެ. ނަމަވެސް އޭޝިއާ ޕެސިފިކްގެ ފަތުރުވެރިކަން މިހާރުވެސް ރިކަވާ ވެފައިވާ ކަމަށް ވަނީ ބުނެފައެވެ. އެއީ 2019 ވަނަ އަހަރުގެ އިންވެސްޓްމަންޓުތަކާ އަޅާބަލާއިރު މިއަހަރުގެ އިންވެސްޓްމަންޓުތައް 11.9 އިންސައްތަ އިތުރުވެފައިވާތީއެވެ.
ޖޭއެލްއެލް އިން ލަފާ ކުރާ ގޮތުގައި މިއަހަރު އިންވެސްޓްމަންޓް އިތުރުވެފައިވަނީ ކޮވިޑާއެކު އިންވެސްޓްމަންޓުތައް މަޑުޖެހިފައި އޮތުމަށްފަހު އަލުން އިންވެސްޓަރުން ފައިސާ ހަރަދު ކުރަން ފެށުމެވެ. އެގޮތުން މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިންވެސްޓްމަންޓް އެންމެ ގިނައީ ޖަޕާން (1.8 ބިލިއަން ޑޮލަރު)، ކޮރެއާ (1.7 ބިލިއަން ޑޮލަރު) އަދި ޗައިނާ (1.6 ބިލިއަން ޑޮލަރު) އެވެ.
ރާއްޖޭގެ މިއަހަރުގެ މިހާތަނަށް އިންވެސްޓްމަންޓަކީ 205.5 މިލިއަން ޑޮލަރެވެ. މިއީ ފަސް ވަނައަށް އެންމެ ބޮޑު އިންވެސްޓްމަންޓް ލިބިފައިވާ ގައުމެވެ.
ޓްރެވަލް ޑެއިލީ މީޑިއާގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަންނަނީ 2019 ވަނަ އަހަރަށްވުރެ ރަނގަޅުވަމުންނެވެ. އަދި މީގެ ސަބަބުން އޭޝިއާ އާއި މެދުއިރުމައްޗާއި ޔޫރަޕުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.
އެ ނޫހުން ލަފާ ކުރާ ގޮތުގައި މިއަހަރުގެ ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ އިންވެސްޓްމަޓްތައް ރަނގަޅުވާނެއެވެ. އެގޮތުން ކުރިއަށް އޮތް ހަ މަހު ގިނަ އަދަދެއްގެ ރިސޯޓްތައް ވިއްކުމަށް މާކެޓަށްދާނެ ކަމަށް ޖޭއެލްއެލްއާ ހަވާލާދީ ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!