ތިރީގައި އެވަނީ ވަރަށް ގިނައިން އަޑު އަހާ ޙަދީޘެކެވެ. އެ ޙަދީޘުގައި މިވަނީ އެތައް ބިލިއަން ޑޮލަރަކުން ވެސް އަގު ނުކުރެވޭ ހާ ވަރުގަދަ ނަސޭޙަތްތަކެކެވެ.

އިންސާނާގެ ޙަޔާތް ރަނގަޅަށް ހޭދަ ކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ފިލާވަޅު ތަކެކެވެ. ދެދުނިޔެ ބާއްޖަވެރި ކުރުމަށް އެދޭ މީހާއަށްވާ ދުންޔަވީ އަދި އުޚްރަވީ ޤާޢިދާތަކެކެވެ.

Ad
rt

عن عبد الله بن عباس رضي الله عنهما قال: قال رسولُ اللهِ صلَّى اللهُ عليه وسلَّم لرجلٍ وهو يَعِظُه : اغتنِمْ خمسًا قبل خمسٍ : شبابَك قبل هَرَمِك، وصِحَّتَك قبل سَقَمِك، وغناك قبل فقرِك، وفراغَك قبل شُغلِك، وحياتَك قبل موتِك. (أخرجه ابن أبي الدنيا في ((قصر الأمل)) (111)، والحاكم (7846)، والبيهقي في ((شعب الإيمان)) (10248))

މާނަ: ޢަބްދުﷲ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މީހަކަށް ވަޢުޡު ދެއްވަނިކޮށް ޙަދީޘް ކުރެއްވިއެވެ. “ފަސްކަމެއް އައިސް ލައިގަތުމުގެ ކުރިން ފަސް ކަމެއްގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މުސްކުޅި ވުމުގެ ކުރިން ޒުވާން ކަމެވެ. ބަލިވުމުގެ ކުރިން ސިއްޙަތެވެ. ފަޤީރު ވުމުގެ ކުރިން މުއްސަނދިކަމެވެ. މަޝްޣޫލު ވުމުގެ ކުރިން ހުސްވަގުތެވެ. އަދި މަރުވުމުގެ ކުރިން ޙަޔާތެވެ.”

އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމް ފުރަތަމަވެސް ނަސޭޙަތް ދެއްވަނީ ޒުވާންކަމާ ގުޅޭގޮތުންނެވެ. އާދެ ކީއްވެތޯއެވެ. އިންސާނާގެ ޙަޔާތުގެ މަރުޙަލާތަކުގެ ތެރެއިން ޒުވާންކަމުގެ ދުވަސްވަރަކީ އެންމެ އުފެއްދުންތެރި ކުރެވިދާނެ ދުވަސްތަކެވެ.

މާނައަކީ، މިދުވަސްތަކުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ހިފައިފިނަމަ ތިމާ މަރުވެގެން ދާހިނދު އެކަންކަމަކާ ތިމާ ފަޚުރުވެރި ވާ އެތައް ކަމެއް ކުރުމުގެ ކުޅަދާނަކަން ޒުވާން ދުވަސްވަރުގައި ލިބިގެން ދާނެއެވެ. ސަބަބަކީ ޒުވާން ކަމުގެ ދުވަސްވަރަކީ ތިމާގެ ހިއްސުތަކާއި ސިކުނޑިއާއި ހަށިގަނޑުގެ ދުޅަހެޔޮކަން އެންމެ ވަރުގަދަ ދުވަސްތަކަށްވެފައި ތިމާގެ މިބައިތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނީ މިދުވަސްވަރުގައި ކަމަށްވާތީއެވެ.

އެގޮތުން ޒުވާން ދުވަސްވަރު ވީހާވެސް ބޮޑަކަށް އަޅުކަމުގައި ހޭދަ ކުރަން މަސައްކަތް ކުރަން ވާނެެވެ. ގިނަފަހަރަށް ވާގޮތަކީ މުސްކުޅި ވީމާ އަޅުކަމަށް ހުސްވާނީއޭ ކިޔާފައި ޒުވާން ދުވަސްވަރު ބޭކާރު ކޮށްލެވެނީއެވެ. މިއަދު މުސްކުޅި އުމުރަށް އަޅާފައިވާ މީހުންނަށް މިއީ ކިހާ މޮޔަ ވާހަކައެއް ކަން އިނގޭނެއެވެ. މުސްކުޅި ކަމާއެކީ ހަށިގަނޑު ބަލިކަށިވެ، އެކި ބަލިތަކުގެ ޝިކާރައަކަށް ހަށިގަނޑު ވެފައި، ނަފްސާނީ ދުޅަހެޔޮކަންވެސް ދަށްވާން ފެށުމުން ދެން އަޅުކަންތައް ކުރުމުގައި ހީވާގި ވުން ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ. ކޮންމެއަކަށް ދައްކަމުން ދިޔަ ޒުވާންކަމުގެ ވާހަކަ މިވަނީ ޙަދީޘުގެ ވާ ދެވަނަ ކަމާ ވަރަށް ގުޅިފައެވެ. އާދެ، ބަލިވުމުގެ ކުރިން ސިއްޙަތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަތުމުގެ ވާހަކައެވެ.

ފުރިހަމަ ސިއްޙަތުގެ ނިއުމަތަކީ ﷲ އިންސާނަކަށް ދެއްވާނޭ އެންމެ އަގުހުރި ނިޢުމަތެވެ. މިކަން އެންމެ ރަނގަޅަށް އިނގޭނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިހާލުގައި އުޅެން ޖެހިފައިވާ މީހަކަށެވެ. ތިބާއަކީ ޒުވާނަކަށް ވެފައި، ތިބާގެ ސިއްޙީ ޙާލަތަކީ އެވްރެޖް ލެވެލްގެ ނުވަތަ އެއަށްވުރެ ވެސް ރަނގަޅު، ފުރިހަމަ ސިއްޙަތެއް ކަމަށް ވާނަމަ، އާޚިރަތަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވޭތޯ ބަލާށެވެ.

އެގޮތުން ކުރިން މިދެންނެވިހެން އަޅުކަން ކުރުމުގައި ހީވާގި ވުމުގެ އިތުރުން، ފައިދާ ހުރި ޢިލްމު އުނގުނެމުގައި ވަގުތު ހޭދަކުރާށެވެ. އެގޮތުން ތިބާއަށް ދުނިޔޭގައާއި އާޚިރަތުގައި އެންމެ ފައިދާ ކޮށްފާނެ ޢިލްމަކީ ދީނީ ޝަރުޢީ ޢިލްމުތަކެވެ. މިފަދަ ޢިލްމުގެ ދަރިވަރަކަށް ވާށެވެ. ތިބާ އަކީ ޑޮކްޓަރަކަށް ނުވަތަ އިންޖިނޭރަކަށް ނުވަތަ ވިޔަފާރި ވެރިޔަކަށް ވުމަކީ ދީނީ ޢިލްމުގެ ދަރިވަރަކަށް ވުމުން ތިބާ މަޙުރޫމު ކުރުވާ ކަމަކަށް ނަހަދާށެވެ.

މިދެންނެވި ބައެއް ދާއިރާތަކުގައި ވަރަށް ބިޒީކޮށް އުޅޭ ބައެއް މީހުން، ލިބޭ މަދު ހުސްވަގުތު ތަކުގައިވެސް ދީނީ ޢިލްމު ޙާޞިލު ކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރާތަން ފެނެއެވެ. އެއީ ހާދަހާވާ ހިތަށް ފިނިކަން ގެނުވާ މަންޒަރުތަކެކެވެ. މިވާހަކައާއެކު މި ވަދެވުނީ ޙަދީޘުގައި ނަބިއްޔާ ފައިދާ ލިބިގަތުމަށް އަންގަވާފައިވާ އެހެން ކަމެއްގެ މައުޟޫގެ ތެރެއަށެވެ. އެއީ މަޝްޢޫލުވުމުގެ ކުރިން ހުސްވަގުތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަތުމުގެ ވާހަކައެވެ.

މީހުންނާ އިނދެ، ދަރިންލިބި ގޭގެ މަސްއޫލިއްޔަތުތައް އަދާކުރަމުން އަދި ވަޒީފާގެ ބުރަތައް އުފުލަމުން، ދަރިންގެ ތަރުބިއްޔަތުގެ ކަންކަމުގައި ވަގުތުހޭދަ ކުރަމުން އަދި މިނޫންވެސް އެތައްކަމެއްގެ ޒިންމާ އަދާކުރަން ޖެހުމުގެ ސަބަބުން، ދުވާލަކަށް ސައްވީސް ގަޑިއިރު މަދުވެފައި ތިބޭ މީހުންނަށް ހުސްވަގުތަކީ ކިހާ އަގުބޮޑު އެއްޗެއްކަން އެނގޭނެއެވެ.

އެފަދަ މީހުންވެސް ކުރިން ހުސް ވަގުތު ގިނަވެފައި ވީ ދުވަސްތަކުގައި ފައިދާ ކުރަނިވި ކަންތައްތަކެއް ކުރެވުނު ނަމައޭ ހިތައް އަރާނެއެވެ. ފައިދާ ކުރަނިވި ޢިލްމެއް އުނގެނެވިފައިވީނަމަ، އެޢިލްމަކުން ގިނަބަޔަކަށް ފައިދާ ކުރާނޭ އަދި އޭގެ ފައިދާ ޒަމާން ތަކަކަށް ދެމިގެންދާނޭހެން ދެމި އޮތުމާއެކު ތިމާ މަރުވެގެން ދިޔަ ކަމުގައިވީނަމަވެސް އޭގެއިން ބަޔަކު ފައިދާ ލިބިގަންނަހާ ހިނދަކު އެކަމުގެ އަޖުރު ތިބާ އަށް ލިބިލިބި ހުރުމަށްޓަކައި އެޢިލްމަކާ ގުޅޭ ފޮތެއް ލިޔެލެވުނު ނަމައޭ ހިތައް އަރާނެއެވެ. ނުވަތަ މީސްތަކުންނަށް ފައިދާ ކުރާނެ “އެޕެއް” ނުވަތަ ވެބްސައިޓެއް ފަދަ އެއްޗެއް ހަދާލެވުނު ނަމައޭ ހިތައް އަރާނެއެވެ. އަދި އެހެން މިސާލަކަށް ބަލާނަމަ، އެ ހުސްވަގުތު ތަކުގައި މައިންބަފައިންނާއި އާއިލާގެ އެހެނިހެން ފަރުދުންނާއެކު ކޮލިޓީ ވަގުތުތަކެއް ހޭދަ ކުރެވުނު ނަމައޭ ހިތައްއަރާނެއެވެ. އަދި މިނޫން ވެސް ކުރެވިދާނެ ކިތަންމެ ކަމެއް ހުންނާނެއެވެ.

ހުސްވަގުތުގެ މައުޟޫގައި އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭ ކަމެއް އެބަވެއެވެ.

“ތިމާ ބިޒީ ވާ މިންވަރު އިތުރުވާ ވަރަކަށް، ކުރިން ތިބާއަށް ހުސްވަގުތު ލިބުނު މިންވަރު ހިތަށް ވެރިވާނެއެވެ.”

މިބުނުމުގެ ތަފްޞީލަށް ދަމާތޯއެވެ. ތިމާއަށް ހުސްވަގުތުގައި ފައިދާ ކުރަނިވި ކަމެއް ވިޔަ ނުދިނުމަށްޓަކައި، އުޅެން ޖެހިފައިވާ ބިޒީ ކަމުގެ ސަބަބުން ހުސްވަގުތެއް ނެތް ކަމަށް ޝައިޠާނާ ތިބާއަށް އަބަދުވެސް ވިސްނައިދޭނެއެވެ. ނަމަވެސް ރަނގަޅަށް ވިސްނައިފި ނަމަ ހުސްވަގުތުތައް ލިބެން އޮތްކަން ތިބާއަށް އެނގިގެންދާނެއެވެ. މިކަން އެންމެ ބޮޑަށް އެނގިގެން ދާނީ އިތުރަށް ބިޒީ ވުމުންނެވެ. އޭރުން ހިތަށް އަރާނެއެވެ. ކުރިން ހާދަ ހުސް ވަގުތެއް ލިބުނެވެ. މިހާރަކު ވަގުތެއް ނުވެއެވެ.

ޝައިޠާނާގެ މި މަޅިން ސަލާމަތްވުމަށްޓަކައި ދުވަހުގެ ކަންކަން ވީހާވެސް ތަރުތީބުކޮށް ކުރުމަށް މަސައްކަތް ކުރާށެވެ. އެގޮތުން ޝެޑިއުލެއް ހަދައި އެޝެޑިއުލާ އެއްގޮތަށް ދުވަހުގެ ކަންކަން ރޭވިދާނެއެވެ. ޝެޑިއުލެއް ހެދީމާ ދެންވާ ގޮތަކީ، ޝެޑިއުލްގައިވާ ގޮތަށް ކަންތައް ނުކުރެވެނީއެވެ. އެއީ މައްސަލައެއް ނޫނެވެ. އަބަދުވެސް ޝެޑިއުލާ އެއްގޮތަށް ކަންކަން ކުރެވޭ މިންވަރު އިތުރު ކުރުމަށް މަސައްކަތް ކުރާށެވެ. ޝެޑިއުލްގައިވާ ކަންކަމުގެ 10 އިންސައްތަ ކަންކަން މިއަދު ކުރެވުނު ނަމަ، މާދަމާ އޭގެ 15 އިންސައްތަ އަށްވުރެ ރަނގަޅަށް ޙާޞިލު ކުރުމަށް މަސައްކަތް ކުރާނީއެވެ. ކާމިޔާބު ވާނީ މިފަދަ އުކުޅުތަކުގެ ބޭނުން ހިފައިގެންނެވެ.

ދެން އޮތީ ފަޤީރު ވުމުގެ ކުރިން މުއްސަނދިކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަތުމުގެ ވާހަކައެވެ. މުދަލުން ހޭދަކުރުމަކީ ﷲ އެމީހަކަށް މުދަލުގެ ނިޢުމަތް ދެއްވި މީހަކަށް ކުރެވިދާނެ އެންމެ ހެޔޮ އެއް ޢަމަލެވެ. މިގޮތަށް ﷲގެ މަގުގައި ކުރާ އެއްވެސް ހޭދައަކީ ގެއްލިގެންދާނެ އެއްޗެއް ނޫނެވެ. ޤުރްއާނާއި ސުންނަތުގެ އެތައް ނައްޞަކުން އަޅުގަނޑުމެންނަށް ޝައްކެއް ނެތި އިނގޭ ފަދައިން މުދަލުން ހޭދަކުރުމަކީ އެމުދާ މަދުވާ ކަމެއް ނޫނެވެ. އަދި ކިއެއްތަ އެއީ މުދަލުގައި ބަރަކާތް ލައްވައި މުދާ ގިނަކުރުވާ ކަމެކެވެ.

ހަމަ އެހެންމެ އާޚިރަތަށްޓަކައި ގިނަގުނަ ޘަވާބާއި ދަރުމަ ލިބުމުގެ ދޮރެއްވެސް މެއެވެ. ވީމާ މުދާ ލިބިފައިވާ މީހެއް ނަމަ، ޙާޖަތްތަކަށް ޖެހިފައިވާ މީހުންގެ ޙާޖަތްތައް ފުއްދައިދޭށެވެ. ދަރަނިތަކުގެ ދަންތުރަތަކުގައި ޖެހިފައިވާ މީސްމީހުންގެ ދަރަނިތައް އަދާކޮށްދޭށެވެ. ﷲގެ ދީނަށް ގޮވާލާ ދަޢުވަތުދޭ މީހުންނާއި ޖަމްޢިއްޔާތަކަށް އެހީވެދޭށެވެ. އަދި މިނޫން ވެސް ކުރެވިދާނެ ކިތަންމެ ކަމެއް ހުނާނެއެވެ.

ދެން އޮތީ އެންމެ ފަހު ކަންތަކެވެ. އެއީ ކުރިން ދެކެވުނު ހުރިހާ ކަމެއް ޚުލާޞާ ކުރާ ކަމެވެ. އާދެ، މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަތުމުގެ ވާހަކައެވެ. މަތީގައި މިދެންނެވުނީ މުޅިންވެސް ތިބާގެ ކިބައިގައި ޙަޔާތް ވާހިނދު ކުރެވިދާނެ ކަންތައްތަކުގެ ވާހަކައެވެ. އުމުރަކީ ވަރަށް ކުޑަ އެއްޗެކެވެ.

މި ކުޑަ ދުވަސްކޮޅުގައި ވީހާވެސް ގިނަ، ފައިދާ ކުރަނިވި ކަންތައްތަކެއް ކުރެވޭތޯ މަސައްކަތް ކުރަންވާނެއެވެ. އަދި ބުއްދިވެރިއަކީ، މީހާ މަރުވުމަށްފަހުވެސް ދިރި ހުރުމަށްޓަކައި މަސައްކަތް ކުރާމީހާއެވެ. މާނައަކީ، މަރުވި ކަމުގައި ވީނަމަވެސް ތިމާ ދިރިހުރި އިރު ކޮށްފައިވާ ކަންކަމުގެ ފައިދާ މީސްތަކުންތަށް ކުރުވާ ކަންތައްތަކެއް ކޮށްފައިވާ މީހާއެވެ. އަދި މަރުވުމަށްފަހުވެސް ޘަވާބު ލިބެނިވި ކަންތައްތަކެއް ދޫކޮށްފައިދާ މީހާއެވެ. އެކަންތައްތައްވެސް ނަބިއްޔާ ވަނީ ޙަދީޘެއްގައި ބަޔާން ކުރައްވާފައެވެ. އެއީ:

1. ފައިދާ ކުރަނިވި ޢިލްމެއް.

2. ދެމިގެންދާ ޞަދަޤާތެއް.

3. މަރުވުމުން ތިބާއަށް ދުޢާ ކޮށްދޭނޭ ޞާލިޙު ދަރިއެވެ.

މިކަންތައްތަކާ މެދު إنْ شاء الله، އެހެން ވަޤުތެއްގައި ވާހަކަދައްކާލާނީއެވެ.

ކޮންމެއަކަސް އަޅުގަނޑުމެންގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަކީވެސް މަތީގައި ޒިކުރު ކުރެވުނު ޙަދީޘަށް ފުރިހަމައަށް ޢަމަލު ކުރާ ބައެއް ކަމުގައި ވުމުގެ ތައުފީޤު ﷲ ތަޢާލާ އަޅަމެންނަށް ދެއްވުމެވެ.