މި އަހަރުގެ ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށްޓަކައި، ޝައުޤުވެރިކަންހުރި ކައުންސިލްތަކަށް އެފުރުޞަތު ހދ. އަތޮޅު ކައުންސިލުން ހުޅުވާލައިފި އެވެ.

އެކައުންސިލުން ބުނީ ޤުރުއާން މުބާރާތް، މިއަހަރު ބޭއްވުމަށް ކައުންސިލުން ނިންމާފައިވަނީ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

Ad
rt

މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި، ނުބަލާ ކިޔެވުމުގެ ގޮފި ހިމެނޭގޮތަށް، މިއަހަރުގެ މުބާރާތް ބަހާލާފައިވަނީ ޖުމްލަ 6 ޢުމުރު ފުރާއަކަށެވެ. އެއީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 15 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 18 އަހަރުން މަތީގެ ޢުމުރު ފުރާއެވެ.

އަތޮޅު ޤުރުއާން މުބާރާތަކީ އަތޮޅުގެ ރަށު ކައުންސިލްތަކުގެ މެދުގައި ވަރަށް ފޯރިއާއި ވާދަވެރިކަމާއެކު ބައިވެރިވާ މުބާރާތެވެ. މި މުބާރާތުގައި ހދ އަތޮޅުގެ ގިނަ ރަށްރަށުން ބައިވެރިވާނެކަމަށް މަޢުލޫމާތުވަނީ ލިބިފައެވެ.

މިމުބާރާތަކީ، އަތޮޅުގެ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމުގެ މަޤްސަދުގައި ކޮންމެ އަހަރަކު އަތޮޅު ކައުންސިލުން ބާއްވާ މުބާރާތެކެވެ. ނަމަވެސް، ކޮވިޑް 19 ގެ ހާލަތާ ގުޅިގެން މިދިޔަ އަހަރު މިމުބާރާތް ބާއްވާފައެއް ނުވެއެވެ.

ހދ.އަތޮޅު ޤުރުއާން މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2019 އޭޕްރީލް 18 އިން 20 އަށް ހދ.ނެއްލައިދޫގައެވެ. މިމުބާރާތުގައި އަތޮޅުގެ 11 ރަށަކުން 132 ބައިވެރިން ވާދަކޮށްފައި ވެއެވެ. މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ ހދ. ނޮޅިވަރަމުންނެވެ.