ތިލަދުންމަތި ދަތުރުގެ ނަމުގައި ހއ. އަދި ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދަރުސް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަދެ އެވެ.

އިހަވަންދޫގެ ޖަމިއްޔާއެއްކަމުގައިވާ ޔުނިޓީގެ ނައިބް ރައީސް އަދި މި ޕްރޮގްރާމްގެ ކޯޑިނޭޓަރ ހުސައިން ސާލިމް ވިދާޅުވީ، މި ޕްރޮގްރާމް ކުރިޔަށް ގެންދާނީ ޔުނިޓީ ޖަމްޢިއްޔާ އިސްވެ އޮވެ ޖަމްޢިއްޔަތުއް ސަލަފް އަދި ތިލަދުންމަތީގެ ބައެއް ޖަމްޢިއްޔާތަކާއި ކައުންސިލްތަކާއި ގުޅިގެންކަމަށެވެ.

Ad
rt

ތިލަދުންމަތި ދަތުރުގެ މަޤުޞަދަކީ، ތިލަދުންމަތީ ރަށްތަކުގައި އިސްލާމީ ދަޢުވަތު ފުޅާކުރުމާއި ދޭދޭ ފަރުދުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުން އަދި ހުރިހާ ރަށްތަކެއް ގުޅިގެން އިސްލާމީ ވަޙުދަތު ފެތުރުމެވެ.

ސާލިމް އިތުރަށް ވިދާޅުވީ، ކޮންމެ އަހަރަކު 1 ފަހަރު މި ޕްރޮގްރާމް ތިލަދުންމަތީ ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

މިފަހަރުގެ ފުރަތަމަ ޕްރޮގްރާމް ހއ. އަތޮޅުގައި ކުރިޔަށްދާނީ މި ހިނގާ ޖުލައި މަހު 23 އިން 28 އަށެވެ. ހދ އަތޮޅުގެބައި ކުރިޔަށް ގެންދިއުމަށް ޝެޑިއުލް ކޮށްފައިވަނީ އަންނަ އޯގަސްޓް މަހުގެ ތެރޭގައެވެ.

ހއ. އަތޮޅުގެ ޕްރޮގްރާމްގައި ޖުމްލަ 6 ޝައިޚުންގެ އިތުރުން ނޫސްވެރިއެއްވެސް ބައިވެރިވާނެއެވެ. ޕްރޮގްރާމްގައި ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އާރުޓީއެލް ފެރީގައެވެ.

އެގޮތުން ހއ. އަތޮޅުގައި ދަރުސް ދެއްވާނެ ޢިލްމުވެރިންނަކީ އައްޝައިޙް މުޖުތަބާ ޙަމީދު، އައްޝައިޙް ޝުޢައިބު ނާޒިމް، އައްޝައިޙް އިބްރާހިް ރާފިޢު، އައްޝައިޙް އަޙްމަދު ވަޙީދު، އައްޝައިޙް ޙަސަން ޒިޔާން އަދި އައްޝައިޙް އިބްރާހިމް ޔާމީން އެވެ.

ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 23 ވަނަ ދުވަހުގެރޭ ހއ.އިހަވަންދޫގައި ބޭއްވޭ ހަފްލާއަކުންނެވެ. 24 ވަނަ ދުވަހު ރޫޓް ބަހާލެވިފައިވާގޮތަށް ޝައިޚުން ރަށްތަކަށް ދަތުރުކުރާނެއެވެ. ކޮންމެ ރަށެއްގައި ޝައިޚް މަޑުކުރަން ހަމަޖެހިފައިވަނީ 1 ދުވަހެވެ.

މި ޕްރޮގްރާމްގައި އިވެންޓްތައް ކަނޑައަޅާނީ އިވެންޓް ކުރިޔަށްދާ ރަށުގެ އިންތިޒާމް ކޮމެޓީންކަމަށް ޔުނިޓީގެ ފަރާތުން މަޢުލޫމާތު ދެއްވި އެވެ.

"ތިލަދުންމަތި ދަތުރަކީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް! މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ފަރާތްތަކަށް ޝުކުރު ދަންނަވަން! މާތް ﷲ އެ ފަރާތްތަކުގެ މުދަލުގައި ބަރަކާތް ލައްވާ، ހެޔޮ ޖަޒާ މިންވަރު ކުރައްވާށި.... އާމީން!"

ޔުނިޓީ ޖަމިއްޔާގެ ފޭސްބުކް ޕޭޖުގައި މި ޕްރޮގުރާމާއި ގުޅިގެން ވިދާޅުވެފައިވެއެވެ.

މި ޕްރޮގުރާމްގެ މީޑިއާ ޕާރޓްނަރސް އަކީ "ތިލަދުން" އަދި "އިހަވަންދޫ.ކޮމް" އެވެ.