ޔޯގާ ހަމަނުޖެހުމުގެ މައްސަލާގައި ހައްޔަރުކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ރައްޒާން (ޓަކޭ) ބަންދުން ދޫކޮށްލި އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.
މިދިޔަ މަހު ޔޯގާ ހަރަކާތެއް ގަލޮޅު ދަނޑުގައި ކުރިއަށް ދަނިކޮށް ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރުކުރި ގިނަ މީހުންގެ ތެރޭގައި ރައްޒާން ހިމެނެ އެވެ. އޭނާ ފަސް ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލަން އަމުރުކުރީ ކްރިމިނަލް ކޯޓުންނެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ރައްޒާންގެ ބަންދު މުއްދަތު އިތުރުކުރަން ފުލުހުން ދެފަހަރު އެދުނުއިރު ވެސް ހުށަހެޅީ އެއް ހެކިތަކެއް ކަމަށެވެ. އަދި އެ ހަމަނުޖެހުމުގައި އޭނާ އަމަލީ ގޮތުން ބައިވެރިވިކަމުގެ ހެއްކެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އޭނާގެ ފަރާތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ނުފެންނަ ކަމަށެވެ. އަދި ޝަރުތުތަކާ އެކު، އޭނާ ދޫކޮށްލުމުގައި ގޯހެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ގިނަ މީހުންތައް މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އެކަމަކު ޝޭހް ފަޒްލޫން މުހައްމަދާއި ޝޭހް އާދަމް ނިޝާނާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އަދިވެސް ދުލެއް ނުކުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!