މާލޭ ސިޓީ ކައުންސިލުން ރައްޔިތުން ހޯދާ ޚިދުމަތްތައް އޮންލައިންކޮށް ހޯދާނެ މަގުފަހިކޮށްދީ، ފަސޭހަކަން ލިބިދުނުމަށް އެކަމަށް ޚާއްސަކޮށްފައިވާ މާވެހި ޕޯޓަލް ރޭ އިފްތިތާޙް ކޮށްފިއެވެ.
މި ޕޯޓަލަކީ މާލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭ ގޮތަށް ފަރުމާ ކޮށްފައިވާ 'މާވެހި' ކިޔާ ޕޯޓަލް އެކެވެ. މި ޕޯޓަލް އިފުތިތާހުކުރީ މާލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި މިއަހަރުގެ 2 ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ.
ރޭގެ އިފްތިތާހްކުރ މިި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހިދުމަތް ފެށުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުން ފެށިގެންނެވެ.
މިބަދަލާއެކު އެ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ 90 އިންސައްތަ ޚިދުމަތްތަކަށް މާވެހި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް އެދެވޭނެއެވެ. މީގެ ތެރޭގައި ކުއްޖަކު އުފަންވުމުން އެދޭ ހިދުމަތްތަކާއި މަގު ބަންދުކުރަން އެދުމާއި ޕާކުތަކާއި މައިޒާންތައް ކުއްޔަށް ހިފުމާއި މިސްކިތްތަކަށް އެހީތެރިވުން ހިމެނެ އެވެ.
މިއިން ހިދުމަތެއް ހޯދަން އެދުމުން އެކަމަކާ ގުޅިގެން ސިޓީ ކައުންސިލުން އަޅާ ފިޔަވަޅުތަކުގެ އަޕްޑޭޓުތައްވެސް ވަކިވަކިން މި ޕޯޓަލުން ބަލާލެވޭނެ ކަމަށާއި އަޕްޑޭޓުތަކުގެ ނޯޓިފިކޭޝަން މެސެެޖުތައްވެސް ލިބެމުންދާ ގޮތް ހެދޭނެ ކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.
މާވެހި' ޕޯޓަލުން ހިދުމަތަށް އެދުމަށް ރަޖިސްޓްރީވާން ޖެހޭނެ އެވެ. އަދި އީމެއިލް ނުވަތަ ފޯން ނަމްބަރު މެދުވެރިކޮށް ވެރިފައި ވެސް ކުރަން ޖެހޭނެ އެވެ.
ރޭގެ ބައްދަލުވުމުގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެންމެ ގިނަ ދުވަސްވެގެން ތިން ދުވަސް ތެރޭގައި މި ޕޯޓަލް މެދުވެރިކޮށް އެދޭ ހިދުމަތް ހަމަޖެއްސުމަށް މަސައްކަތްކުރަށްވާނެ ކަމަށެވެ. އަދި މާލޭގެ މީހުންނާ ގުޅޭ މިލިއަނަކަށް ވުރެ ގިނަ ކުރެހުންތަކާއި އެކި ރަޖިސްޓްރީތައް ވެސް ޕޯޓަލްގެ ޑޭޓާ ބޭސް އަށް އަޅައި އެ މައުލޫމާތު ބޭނުންވާ ކަމާ ގުޅޭ ބޭފުޅުންނަށް ލިބޭނެ ގޮތް ހަމަޖައްސަމުންދާ ކަމަށް ވިދާޅުވިއެވެ.
މި ބަދަލާއެކު ސިޓީ ކައުންސިލުން އަމާޒު ހިފާފައި ވަނީ ކަރުދާހަށް ބަރޯސާވުން ކުޑަ، ޑިޖިޓަލް ޚިދުމަތްތަކެއް މާލޭ ރައްޔިތުންނަށް ފޯރުކޮށްދޭން ކަމަށް ވެސް ރޭގައި މޭޔަރު ވަނީ ފާހަގަ ކުރަށްވާފައެވެ. މި ބަދަލާއެކު ސިޓީ ކައުންސިލުން ޚިދުމަތް ހޯދުމުގައި މާލޭގެ ރައްޔިތުންނަށް ވަގުތު ސަލާމަތްވެ ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!