ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ ގޮތަކުން މަސައްކަތްކޮށްދެއްވުމަށް ދިވެހި އެތުލީޓުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

ރައީސް ވަނީ ކޮމަންވެލްތް ގޭމްސްއާއި އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ބައިވެރިވާ ދިވެހި އެތްލީޓުންނާއި އޮފިޝަލުންނާ މިއަދު ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުން އޮތީ މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Ad
rt

މި ބައްދަލުވުމުގައި ރައީސް ޞާލިޙް ދެއްކެވިވާހަކަފުޅުގައި ވަނީ ޤައުމު ތަމްޞީލުކުރަން ފުރުޞަތު ލިބުމަކީ ވަރަށް މަދު ބަޔަކަށް ލިބޭނެ ނަސީބެއްކަން ފާހަގަ ކުރަށްވާއެވެ. އަދި އެއީ ވަރަށް މަތިވެރި ޝަރަފެއްކަން ހަނދާނުގައި ބަހައްޓައިގެން މަސައްކަތްކުރުމަށް އެދިވަޑައިގަތެވެ.

ރާއްޖޭގެ އެތްލީޓުން ބައިނަލްއަޤްވާމީ ފެންވަރުގައި ރަނގަޅު ކާމިޔާބީއެއް ހާސިލްކުރުމަށް ބޭނުންވާނެ ވަޞީލަތްތަކާއި ތަމްރީނުތައް ހޯދުމަށް ކުރަންޖެހޭކަންކަން ސަރުކާރުން ކުރަމުންދާކަމަށް ވެސް ރައީސް ވަނީ މި ބައްދަލުވުމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އެމަނިކުފާނު ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި ރާއްޖޭގައި ކުޅިވަރު ކުޅެން ބޭނުންވާ ފަރާތްތަކަށް ވަކި ކުޅިވަރެއް ތަފާތުކުރުމެއްނެތި ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުން ގޮސްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ " ފޯ ދި އޯޝަންސް" ގެ ނަން ދެވިފައިވާ ޖަރޒީ ކިޓް އެއް ވެދުން ކުރައްވާފައެވެ. ރާއްޖޭގެ ކަނޑުތަކާއި ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މިންވަރު ރަމްޒުކޮށްދޭ މި ކިޓް ފަރުމާކުރެވިފައިވަނީ ރާއްޖޭގެ ގޮނޑުދޮށްތަކުގެ ރީތިކަމާއި، ފަރުތަކުގެ މުއްސަނދިކަން ދައްކުވައިދޭ ނިޝާންތަކުންނެވެ.

މިއަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 8 ވަނަ ދުވަހަށް އިނގިރޭސިވިލާތުގެ ބަރމިންހަމްގައި ބާއްވާ ކޮމަންވެލްތް ގޭމްސްގައި ރާއްޖޭގެ 46 އެތްލީޓުންނާއި އޮފިޝަލުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ފަރާތުން ތުރުކީގެ ކޮންޔާގައި އޮގަސްޓް 8 އަދި 9 ވަނަ ދުވަހު ބާއްވާ 5 ވަނަ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ރާއްޖޭގެ 62 އެތްލީޓުންނާއި އޮފިޝަލުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.