ހެއްކާބެހޭ ބިލު (ޤާނޫނު ނަންބަރު: 2022/11) ތަސްދީޤުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިބިލު ތަސްދީޤުކުރެއްވީ މިއަދު އެވެ.
މި ބިލަކީ، 2022 ޖޫން 30 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެވެ.
ހެއްކާބެހޭ ޤާނޫނަކީ، މަދަނީ މައްސަލަތަކާއި ޖިނާޢީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުޞޫލުތަކާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ ޢާންމު އުޞޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.
މި ޤާނޫނުގެ މަޤުޞަދުތަކުގެ ތެރޭގައި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުޞޫލު ކަމުގައިވާ ހެކީގެ އުޞޫލު ތަފްޞީލުކޮށް ޤާނޫނުގައި ބަޔާންކޮށް، ކަނޑައަޅައިދިނުން ހިމެނެއެވެ.
މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން ހެއްކާބެހޭ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 6 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. އަދި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ހެއްކާބެހޭ ޤާނޫނާއި (ޤާނޫނު ނަންބަރު: 76/24)، އަންހެނުންގެ ހެކިބަހުގެ ޤާނޫނު (ޤާނޫނު ނަންބަރު: 72/14ޖ.) އުވިގެން ދާނެއެވެ.
މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އެކުލަވާލި ހެއްކާ ބެހޭ ބިލު ތަސްދީގު ނުކޮށް އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާލުމަށް އެދިފައިވަނިކޮށްނެވެ.
މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައެވެ. އެ މާއްދާގެ (ހ) ގައި ބުނެގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. އަދި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް ވެސް މަޖުބޫރު ކުރެވިދާނެއެވެ.
މިއީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް ހަނިވެގެންދާނެ ގޮތަށް އޮތް މާއްދާއެއް ކަމަށް ނޫސްވެރިން ތަމްސީލުކުރާ ޖަމިއްޔާތަކުން އަންނަނީ ބުނަމުންނެވެ.
މިކަމާ ގުޅިގެން މި ބިލު ތަސްދީގުނުކޮށް އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާލުމަށް އެދި 158 ނޫސްވެރިންގެ ސޮޔާ އެކީ ރައިސް ސޯލިހަށް ޕެޓިޝަނެއްވެސް ހުށަހަޅާފައިވެއެވެ.
ހެއްކާބެހޭ ބިލު ތަސްދީގު ނުކޮށް އިސްލާހު ކުރުމަށް އަނބުރާ ފޮނުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުންވެސް ވަނީ ރައީސް ސޯލިހްގެ ކިބައިން އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!