ސްކައުޓް ޔުނީފޯމަށާއި، އެ ހަރާކާތުގެ ގަދަރަށް އުނިކަން އަންނާނެހެން ޢަމަލުކުރި މައްސަލަ ސްކައުޓް އެސޯސިއޭޝަނުން ކުށްވެރި ކޮށްފިއެވެ.
މިކަމާ ގުޅޭ ގޮތުން ސްކައުޓް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އަޟުހާ ޢީދު ފާހަގަ ކުރުމަށް ތ. ކިނބިދޫގައި ހިންގި ހަރަކާތެއްގައި ސްކައުޓު އެސޯސިއޭޝަންގެ ރަސްމީ ޔުނީފޯމު ބޭނުންކޮށް އެ ޔުނީފޯމާއި ސްކައުޓް ހަރަކާތުގެ ގަދަރު ކުޑަވާނެހެން އަމަލު ކޮށްފައި ވާތީ އެ އެ އެސޯސިއޭޝަނުން އެކަން ކުށްވެރި ކުރައްވާ ކަމަށެވެ.
ސްކައުޓް އެސޯސިއޭޝަނުގެ ބަޔާނުގައި ބުނީ ސްކައުޓް ހަރަކާތަކީ ހުނަރުވެރި އަދި ޒިންމާދާރު ރައްޔިތެއް ބިނާ ކުރުމަށް މަސައްކަތްކުރާ ދުނިޔޭގައި އޮތް ނުރަސްމީ ތައުލީމު ފޯރުކޮށްދޭ އެންމެ ބޮޑު ޖަމްޢިއްޔާ ކަމަށެވެ.
އެ ޖަމްޢިއްޔާ އަކީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތް ނުވާ އަދި ދަރުމައަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށާއި ސްކައުޓުންނަކީ ގައުމު އެދުނު ކޮންމެ ކަމެއްގައި ރަށު ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ޚިދުމަތް ކުރުމުގައި ނަމޫނާ ދައްކާ ބައެއް ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެފައި ވެއެވެ.
ސްކައުޓު ޔުނީފޯމާއި ސްކައުޓް ހަރަކާތުގެ އެކި އެކި ރަމްޒުތަކަކީ ސްކައުޓް ހަރަކާތުގެ ވައުދުވެ މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން އެކަނި ބޭނުން ކުރުމަށް މި އެސޯސިއޭޝަންގެ ހިންގާ ގަވާއިދާއި ދުނިޔޭގެ ސްކައުޓް ހުއްދަކުރާ ތަކެއްޗަށް ވާއިރު، ސްކައުޓް އެސޯސިއޭޝަންގެ ހުއްދަ ނެތި އެހެން އެއްވެސް ފަރާތަކުން ޔުނީފޯމާއި އެފަދަ ރަމްޒުތައް ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
މީގެއިތުރުން ސްކައުޓަކީ ކުޑަ ކުދިންނާއި ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ހަރަކާތެއްކަމުން އެފަދަ ހަރަކާތެއްގެ ހައިސިއްޔަތަށް އުނިކަމެއް އައިސްދާނެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެ އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ.
އެހެން ކަމުން އެފަދަ އަމަލުތައް ހިންގާ މީހުންނަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެ އެސޯސިއޭޝަނުން ކުރަމުންދާނެ ކަމުގެ އިންޒާރުވެސް ސްކައުޓް އެސޯސިއޭޝަނުން ވަނީ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!