ބަނގުރޫޓުވެފައިވާ، ދިވެހިރާއްޖޭގެ އަވަށްޓެރި ޝްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ މެންބަރުގެ ގައުމުތަކަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އައި އޯސީސީގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ.

އަވައްޓެރި ލަންކާގެ އިގުތިސާދީ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި ޑރ. ޝަހީމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, އެ ގައުމުގެ ހީނަރުވެފައިވާ އިގުތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައްޔާއި، ލަންކާއަށް ހަމެޖެހުން ގެނައުމަށް އެ ގައުމުގެ ރައްޔިތުން ކުރާ މަސައްކަތްތަކަށް އޯއައިސީގެ މެންބަރު ޤައުމުތަކުން އެހީތެރިވާންޖެހޭ ކަމަށެވެ.

Ad
rt

އިސްލާމީ ގައުމުތައް ތަމްސީލުކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާ އޯއައިސީއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިންޓަރ ގަވަރމަންޓް ޖަމިއްޔާ އެވެ.

އޯސީސީގެ އެޑްވައިޒަރުކަމާއި ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ކުރިން އަދާކުރައްވާފައިވާ ޑރ. ޝަހީމަކީ މިހާރުވެސް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން އައިއޯސީސީގެ ރައީސެވެ.

އިގްތިސާދީ ކާރިސާއެއްގެ ފުން އަނދަވަޅަކަށް ވެއްޓިފައިވާ ލަންކާގެ ރައްޔިތުންގެ މަގުތަކުމައްޗަށް ނުކުމެ ހިނގަމުންދިޔަ ކަންތައްތަކާއި ގުޅިގެން އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ވެސް ވަނީ ޤައުމު ދޫކުރަށްވާ ވަޑައިގެންނެވުމަށްފަހު އިސްތިއުފާ ދެއްވާފައެވެ. އެ ޤައުމުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތުހުމަތު ކުރަނީ ލަންކާގެ ސަރުކާރުން އެ ޤައުމުގެ މާލިއްޔަތު ލޫޓްވާލީ ކަމަށެވެ. އެހެންކަމުން އެ ޤައުމު މިވަގުތު ވެސް އޮތީ ހަލަބޮލި ކަމެއްގެ ތެރޭގައެވެ.

ލަންކާގައި އާ ރައީސެއް ހޮވުމުގެ ކަންކަމަށް މިހާރު ތައްޔާރު ވަމުންދާއިރު މިވަގުތު ވަގުތީ ރައީސެއްގެ ގޮތުގައި ޤައުމު ހިންގަވަމުން ދަނީ ރަނިލް ވިކްރަމަސިންހާއެވެ.