މިއަދުވެސް މެންދުރު ފަހު ތިނެއް ޖަހާއިރު ދިޔަވަރު އެންމެ ބޮޑުވާ ވަގުތު ރާއްޖޭގެ ބައެއް ރަށްރަށަށް އުދައަރާފާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މިއަދު ދިޔަވަރު އެންމެ ބޮޑުވާނެ ކަމަށް ލަފާކުރެވެނީ މެންދުރު ފަހުން ފެށިގެން ކަމަށެވެ.
އެގޮތުން އުތުރުގެ އަތޮޅުތަކަށް ދިޔަވަރު އެންމެ ބޮޑުވާނެ ކަމަށް ލަފާކުރެވެނީ މެންދުރު ފަހު 14:15 އިން ފެށިގެންނެވެ.
މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ 15:00 ހާއިރުއެވެ. އަދި ރާއްޖޭގެ ދެކުނަށް ދިޔަވަރު އެންމެ ބޮޑުވާނެ ކަމަށް ލަފާކުރެވެނީ މެންދުރުފަހު 13:50 ހާއިރުއެވެ.
ރާއްޖޭގެ ކަނޑު ތަކުގައި ރާޅުގެ އުސްމިން އާއްމުގޮތެއްގައި ހުންނާނީ ތިން ފޫޓާއި ފަސް ފޫޓާ ދެމެދުގައެވެ.
އިއްޔެވެސް ދިޔަވަރު އެންމެ ބޮޑުވި ވަގުތު، މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދު ތަކަށްވެސް އުދަ އަރާފައި ވެއެވެ. އެގޮތުން ހެންވޭރު ރާޅުގަނޑު ސަރަޙައްދުން ބޮޑުތަކުރުފާނު މަގާ، ސަލްމާން މިސްކިތް ހިމެނޭ ސަރަޙައްދާ އަދި ބްރިޖް ހައިވޭއަށްވެސް އުދަ އަރާފައިވެއެވެ.
މިމަހުގެ ފުރަތަމަ ހަފްތާގައި ދެކުނުގެ ގިނަ ރަށްތަކަށްވެސް މޫސުން ގޯސްވެ އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!