ޑެންމާކްގެ ހުނަރުވެރު މިޑްފީލްޑަރ ކްރިސްޓިއަން އެރިކްސަން ހިލޭ ޓްރާންސްފާއެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
ނެދަލެންޑްސްގެ އަޔެކްސްއަށާއި އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމްއަށާއި ބްރެންޓްފޯޑްގެ އިތުރުން އިޓަލީގެ އިންޓަ މިލާނަށް ވެސް ކުޅެފައިވާ އުމުރުން 30 އަހަރުގެ އެރިކްސަން ޔުނައިޓެޑަށް ސޮއިކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން އެރިކްސަން 2025 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ޔުނައިޓެޑްގައި މަޑުކުރާނެއެވެ.
ޔުނައިޓެޑަށް ސޮއިކުރުމަށް ފަހު އެރިކްސަން ބުނެފައިވަނީ ޔުނައިޓެޑަކީ ހާއްސަ ކުލަބެއް ކަމަށާއި، ކުލަބާއިއެކު ކުރިއަށް ދިޔުމަށް ކެތްމަދުވެފައިވާ ކަމަށެވެ. އެރިކްސަން އިތުރަށް ބުނެފައިވަނީ ޔުނައިޓެޑްގެ ދަނޑުގައި އެތައް ފަހަރަކު ކުޅުމުގެ ފުރުޞަތު ލިބިފައިވީ ނަމަވެސް އޯލްޑްޓްރަފޯޑުގައި ޔުނައިޓެޑްގެ ޖޯޒީގައި ކުޅުމަކީ ހާއްސަ އުފަލެއް ކަމަށެވެ.
އެރިކްސަން ވަނީ ޕްރިމިއާ ލީގުގައި 237 މެޗު ކުޅެފައެވެ. އެއީ ޓޮޓެންހަމްއަށާއި ބްރެންޓްފޯޑަށެވެ. އެ މެޗުތަކުގައި އޭނާ ވަނީ 52 ލަނޑުޖަހައި 66 ލަނޑު ޖެހުމަށް ފުރުޞަތު ތަނަވަސް ކޮށްދީފައެވެ.
އެރިކްސަން އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑަށް ގެނައި ދެ ވަނަ ކުޅުންތެރިޔާއެވެ. ފުރަތަމަ ސޮއިކުރީ ފެޔަނޫޑްގެ ފުލްބެކް، ޓައިރެލް މަލާސިއާއެވެ. އެރިކްސަންގެ ސޮއި ވެސް ޔުނައިޓެޑުން ހޯދިއިރު، އެ ޓީމުން އަންނަނީ އަޔަކްސްގެ އާޖެންޓީނާ ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒްގެ ޑީލް ނިންމުމަށް މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!