ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލާއި ވައި ސްޕޯޓްސް އެންޑް ރި ކްރިއޭޝަން ކުލަބް ގުޅިގެން ކުރިއަށް ގެންދާ "ފިނޭ ކައުންސިލް ފުޓްސަލް ޓޯނަމަންޓް 2022" އާއި "ފިނޭ ކައުންސިލް ވިމެންސް ވޮލީބޯލް ޓޯނަމަންޓް 2022" ފަށައިފިއެވެ.
ފުޓްސަލް މުބާރާތް 13 ޖުލައި 2022 ވީ ބުދަ ދުވަހުގެ ރޭ ފިނޭ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، ފުރަތަމަ ރޭ ވަނީ ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޔަންގް ސްޓާއާއި ވީއެސްއާރުސީއެވެ. މި މެޗު 7-3 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ޔަންގް ސްޓާއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޔަންގް ސްޓާގެ ޖޯޒީ ނަމްބަރު 7 ހުސެއިން ސިރާޖެވެ.
ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ސެސްމީސިއަންސްއާއި ޑެސައާކުރޫއެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޑެސައާކުރޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޑެސައާކުރޫގެ ޖޯޒީ ނަމްބަރު 20، އަބްދުﷲ މުހައްމަދެވެ.
މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ބައިވެރިވެފައިވެއެވެ. އެ ޓީމް ތަކަކީ ޔަންގްސްޓާ، ވީއެސްއާރުސީ، ސެސްމީސިއަންސްގެ އިތުރުން ޑެސައާކުރޫއެވެ.
މި މުބާރާތް ރާޗާލެވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭގޮތަށެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ 16 ޖުލައި 2022 ވާ ހޮނިހިރު ދުވަހުގެ ރެއެވެ.
ފިނޭ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދަކީ އެ ރަށުގެ ޒުވާނުންގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅުންތެރިންގެ މެދުގައި ޖޯޝާއި ފޯރިޔާއި އެކުވެރިކަން، އާލާ ކުރުމުގެ އިތުރުން ކުޅިވަރުގެ ރޫހު އާލާކުރުމެވެ.
ފިނޭ ކައުންސިލް ވިމެންސް ވޮލީބޯލް ޓޯނަމަންޓް 14 ޖުލައި 2022 ވީ ބުރާސްފަތި ދުވަހު ހަވީރު ފިނޭ ވޮލީ ކޯޓުގައި ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ކަޒިންސްއާއި ޝޫޓިންސްޓާއެވެ. މި މެޗު 3 ސެޓް 1 ސެޓުން ކާމިޔާބު ކޮށްފައި ވަނީ ކަޒިންސްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!