47 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ލޯންޗަކަށް ދިޔަވާތީ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ލޯންޗަކީ މާލެއިން ފުރައިގެން އއ.އަތޮޅަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ކަމަށެވެ.

Ad
rt

އެމްއެންޑީއެފްގެ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދިން މި ލޯންޗުގައި 47 މީހުން އެވަގުތު ދަތުރުކުރަމުން ދިޔައެވެ.

"އެރުވީނާ އަލޯހާ" ނަމަކަށް ކިޔާ މި ލޯންޗު، އަލިހުރަސް ކަނޑުން ލަކުޑި ގަނޑެއްގައި ޖެހި ލޯންޗުގެ ހަލްގަނޑު ތިރިން ފަޅައިގެން ގޮސް ދިޔަވާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއަށް ލިބުނީ މިއަދު 15:59 ހާއިރުއެވެ.

މި މަޢުލޫމާތު ލިބުމާއެކު ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނާއެކު ކޯސްޓްގާޑުގެ އުޅަނދެއް ވަނީ އެ ލޯންޗު އޮތް ސަރަހައްދަށް ގޮސްފައެވެ.

އަދި ދިޔަވަމުންދިޔަ ލޯންޗު، ކޯސްޓްގާޑުގެ ސެކަންޑް ސްކޮޑްރަންގެ ސިފައިންގެ އެހީތެރިކަމާއިއެކު މިއަދު 16:37 ހާއިރު ގިރާވަރު ފަޅަށް ވައްދާފައިވެއެވެ. އަދި، އެ ލޯންޗުން ދަތުރުކުރި 45 މީހުން މެރީން ޕޮލިހާއި "ހަލްޔާޑް" ނަމަކަށް ކިޔާ ލޯންޗެއްގެ އެހީތެރިކަމާއެކު، ވަނީ މާލެއަށް ގެންގޮސްދީފައެވެ.

ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާއިއެކު މިހާރު އެ ލޯންޗު ވަނީ މަރާމާތު ކުރުމަށް ގިރާވަރުން ތިލަފުށްޓަށް ގެންގޮސްދީފައެވެ.

މި ހާދިސާގައި ލޯންޗުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.