މަޝްރަޙް ހޫނުވެފައިވާ ސްރީލަންކާއިން ފިއްލަވައިގެން އެ ޤައުމުގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ އާއި އަނބިކަނބަލުން ރޭ މެންދަމުން އެނބުރިފަހުން ރާއްޖެ ވަޑައިގެންފައިވާއިރު އެމަނިކުފާނާއި ދެކޮޅަށް ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުން ވެރިރަށް މާލޭގައި އިހުތިޖާޖު ކޮށްފިއެވެ.

ގޮޓާބަޔަ ފިއްލަވައިގެން ރާއްޖެ ވަޑައިގަތީ ސްރީލަންކާގައި އިގުތިސާދީ ކާރިސާއެއް ތަހައްމަލު ކުރަންޖެހި ރައްޔިތުން ލޭ ހޫނުވެ އެ ޤައުމުގެ ސަރުކާރާއި ދެކޮޅަށް ފެށި މުޒާހަރާތަކާއިގުޅިގެން ހަމަނުޖެހުން ބޮޑުވެ ޢާންމުން ގޮސް ރިޔާސީ ގަނޑުވަރުވެސް ހިސޯރުކޮށްފައިވަނިކޮށް ފިއްލަވައިގެން އުޅުއްވުމަށްފަހުއެވެ.

Ad
rt

އެންޓޮނޯވް-32 މަރުކާރުގެ އަސްކަރީ ބޯޓެއްގައި ގޮތަބަޔާ އާއި އޭނާގެ އަނބިކަނބަލުން އަދި ބޮޑީގާޑުންނާއެކު ޖުމްލަ ހަތަރު މީހުން ރާއްޖެ ވަޑައިގެންނެވީ ރޭ މެންދަމުން އެނބުރިފަހުންނެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވަން ނިންމަވާފައި އޮތީ މިއަދު އެވެ. އެހެންވެ ގައުމަށް ބޭރަށް ވަޑައިގަތީ އިސްތިއުފާ ދެއްވުމާ އެކު ހައްޔަރުކޮށްފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބެލެވެ އެވެ. އޭނާ އަކީ އަދިވެސް ލަންކާގެ ރައީސަށްކަމަށް ވުމުން އޭނާ ހައްޔަރުކުރުމުގެ ގާނޫނީ ބާރެއް ލަންކާގައި ނެތެވެ.

ގޮޓާބަޔަ އާއި ދެކޮޅަށް މާލޭގައި އިހުތިޖާޖުކުރި ލަންކާ ރައްޔިތުން މާލޭގެ ކާނިވާ ސަރަހައްދުގައި ތިބެ ގޮވާލާފައި ވަނީ ރާއްޖޭގައި ހުންނެވުމަށް ގޮޓާބަޔައަށް ފުރުސަތު ނުދިނުމަށެވެ. އަދި އެމަނިކުފާނު ވަނީ ލަންކާ ބަނގުރޫޓުކޮށްފައި ކަމަށް ވެސް ބައެއް ޕޯސްޓަރުތަކުގައިވެއެވެ.

މި އިހުތިޖާޖު ދިވެހި ފުލުހުން ވަނީ ހުއްޓުވާފައެވެ. ފުލުހުން، އެ ސަރަހައްދަށް އެއްވި މީހުން ހަތަރެއް ޖަހާކަށް ހާއިރުއެވެ. އެ ސަރަހައްދުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ވެސް ފެނުނެވެ.

ލަންކާގެ ރައްޔިތުންނާއެކު ޝުއޫރުފާޅު ކުރުމުގައި ބައެއް ދިވެހިން ވެސް ބައިވެރިވެފައިވާއިރު ދިވެހިން ދަނީ މީސްމީޑިއާގައި ވެސް ގޮޓާބަޔަ އަނބުރާ ޤައުމަށް ފޮނުވާލަން ގޮވާލަމުންނެވެ. އަދި ދިވެހިން ތިބީ ލަންކާ ރައްޔިތުންނާއެކު ކަމަށް ދަނީ ބުނަމުންނެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިއަދު ހަވީރު ގޮޓާބަޔަ ރާއްޖެއިން އެހެން ޤައުމަކަށް ފުރާވަޑައިގަންނަވާނެއެެވެ.