މަޝްރަޙް ހޫނުވެފައިވާ ސްރީލަންކާއިން ފިއްލަވައިގެން އެ ޤައުމުގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ އާއި އަނބިކަނބަލުން ރޭ މެންދަމުން އެނބުރިފަހުން ރާއްޖެ ވަޑައިގެންފައިވާއިރު އެ މަނިކުފާނު އަނބުރާ ޤައުމަށް ފޮނުވާލައި، އެ ޤައުމުގެ ރައްޔިތުންނާ ހަވާލުކުރުމަށް މީސް މީޑިއާގައި ދިވެހިން ޝުޢޫރު ފާޅުކުރަމުން އެބަދެއެވެ.
ގޮޓާބަޔަ ފިއްލަވައިގެން ރާއްޖެ ވަޑައިގަތީ ސްރީލަންކާގައި އިގުތިސާދީ ކާރިސާއެއް ތަހައްމަލު ކުރަންޖެހި ރައްޔިތުން ލޭ ހޫނުވެ އެ ޤައުމުގެ ސަރުކާރާއި ދެކޮޅަށް ފެށި މުޒާހަރާތަކާއިގުޅިގެން ހަމަނުޖެހުން ބޮޑުވެ ޢާންމުން ގޮސް ރިޔާސީ ގަނޑުވަރުވެސް ހިސޯރުކޮށްފައިވަނިކޮށް ފިއްލަވައިގެން އުޅުއްވުމަށްފަހުއެވެ.
އެ ޤައުމުގެ ރައްޔިތުން ދަނީ ގޮޓާބަޔަ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ވެސް ކުރަމުންނެވެ. ރޭގައި ދެ ފަހަރެއްގެ މަތިން އެމަނިކުފާނު ވަނީ ޔޫއޭއީއަށް ވަޑައިގަންނަވަން ވެސް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އާންމު ރޫޓުން އިމިގްރޭޝަންގެ ކަންކަން ފުރިހަމަކުރުމަށް އައުމަށް އިމިގްރޭޝަނުން ގޮޓާބަޔައަށް އެންގުމުން އެމަނިކުފާނު އެގޮތް ބޭނުންފުޅު ނުވުމުން ދެ ފަހަރު ވެސް އެމަނިކުފާނަށް ފުރާވަޑައިގެންނެވޭނެ ގޮތެއް ނުވިއެވެ.
Today I am ashamed to be a Maldivian. I grew up in SL and most of my friends are there. How am I going to explain this shit now?
— Suad (@thathu182) July 13, 2022
ރާއްޖެއާއި ލަންކާ އަކީ ވަރަށް ގުޅުން ބޮޑު ދެ ޤައުމެވެ. ލަންކާގައި ގިނަ ދިވެހިންތަކެއް ދިރިއުޅެމުންދާއިރު ރާއްޖެގައި ވެސް ގިނަ ޢަދަދެއްގެ ލަންކާ މަސައްކަތްތެރިން އުޅެއެވެ. އަދި ތަޢުލީމާއި ވިޔަފާރިއާއި، ބޭސްފަރުވާގެ ޚިދުމަތް ހޯދަން ގިނަ ބަޔަކު ކުރިން އެ ޤައުމަށް ދަތުރުކުރެއެވެ. ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ބޮޑު ގުޅުމާއެކު ދެ ޤައުމުގައި ވެސް އެއްބަޔަކު އަނެއް ބަޔެއްގެ ރަޙްމަތްތެރިންވެސް ވަރަށް ގިނައިން ތިބެއެވެ. މިފަދަ އެތައް ސަބަބުތަކާއެކު ދިވެހިން ދަނީ ގޮޓާބަޔަ އަނބުރާ ފޮނުވާލަން ގޮވާލަމުންނެވެ. އަދި އެ މީހުން ތިބޭ ލަންކާގެ ރައްޔިތުންނާއެކުގައި ކަމަށް ވެސް ބުނަމުންނެވެ.
އެންޓޮނޯވް-32 މަރުކާރުގެ އަސްކަރީ ބޯޓެއްގައި ގޮތަބަޔާ އާއި އޭނާގެ އަނބިކަނބަލުން އަދި ބޮޑީގާޑުންނާއެކު ޖުމްލަ ހަތަރު މީހުން ރާއްޖެ ވަޑައިގެންނެވީ ރޭ މެންދަމުން އެނބުރިފަހުންނެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވަން ނިންމަވާފައި އޮތީ މިއަދު އެވެ. އެހެންވެ ގައުމަށް ބޭރަށް ވަޑައިގަތީ އިސްތިއުފާ ދެއްވުމާ އެކު ހައްޔަރުކޮށްފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބެލެވެ އެވެ. އޭނާ އަކީ އަދިވެސް ލަންކާގެ ރައީސަށްކަމަށް ވުމުން އޭނާ ހައްޔަރުކުރުމުގެ ގާނޫނީ ބާރެއް ލަންކާގައި ނެތެވެ.
ނަމަވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ރާއްޖެއަކީ ގޮޓާބަޔާގެ އަސްލު މަންޒިލް ކަމަށް ނުބެލެވެއެވެ. އެހެންވެ އޭނާ ރާއްޖެގައި ހުންނަވާ އިސްތިއުފާ ދެއްވަފާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.
ގޮޓާބަޔަ ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައިވާ އިރު މިވަގުތު ވެސް ލަންކާގެ މަޝްރަޙް އޮތީ ވަރަށް ހޫނު ކޮށެވެ. އެ ޤައުމުގެ އެތައް ސަތޭކަ އާންމުންނެއް ވަނީ ސަރުކާރާއި ދެކޮޅަށް މަގުތަކަށް ނުކުމެފަވެއެވެ.
ގޮޓާބަޔަ ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައިވާއިރު އަދި ރާއްޖޭގެ ސަރުކާރުން ރަސްމީ ބަހެއް ބުނަފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!