އިގުތިސާދީ ކާރިސާއެއް ތަހައްމަލު ކުރަންޖެހި ރައްޔިތުން ލޭ ހޫނުވެ ސްރީލަންކާގެ މިހާރުގެ ސަރުކާރާއި ދެކޮޅަށް ފެށި މުޒާހަރާތަކާއިގުޅިގެން ހަމަނުޖެހުން ބޮޑުވެ ރިޔާސީ ގަނޑުވަރުވެސް ހިސޯރުކޮށްފައިވަނިކޮށް ރައީސް ގޮޓާބަޔަ ރާޖަޕަކްސަ އާއި އަނބިކަނބަލުން ފިއްލަވައިގެން ރާއްޖެ ވަޑައިގެންފިއެވެ.
އެ ދެ ކަނބަލުން ފިއްލަވަން މީގެ ކުރިން ކުރެއްވި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ބައިނަލްއަގްވާމީ މީޑިއާގައި މިޚަބަރުތައް ރިޕޯޓުކޮށްފައިވާގޮތުން ގޮޓާބަޔަ ފުރަތަމަ މަސައްކަތް ކުރެއްވީ ފިއްލަވައިގެން ޔޫއޭއީއަށް ވަޑައިގަންނަވާށެވެ. ނަމަވެސް ލަންކާގެ އިމިގްރޭޝަނުން އެކަމަށް އެއްބާރުލުން ނުދިނީއެވެ.
ގޮޓާބަޔަ ފިއްލަވައިގެން ރާއްޖެވަޑައިގެންފައިވާކަން ބޭރުގެ ބައެއް މަޝްހޫރު މީޑިއާތައްކަމަށްވާ އޭއެފްޕީ، ވޮޝިންޓަން ޕޯސްޓް އަދި ބީބީސީ، ސީއެންއެން ފަދަ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ސްރީ ލަންކާގެ އިމިގްރޭޝަންގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ސީއެންއެންއިން ބުނެފައި ވަނީ ގޮޓާބަޔާގެ ދެކަނބަލުންނާއި ބޮޑީގާޑެއް ރާއްޖެއަށް ފުރާވަޑައިގަތީ އޭއެން32 ޓްރޫޕް މަރުކާގެ މިލިޓަރީ އެއާކްރާފްޓެއްގައި ކަމަށެވެ. އެ ބެފުޅުން ދަތުރުކުރެއްވި އަސްކަރީ މަތިންދާ ބޯޓު ރޭ މެންދަމުން އަލިވެ ތިނެއް ޖަހާކަށްހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ޖައްސާފައިވާ ކަމަށް ވެއެވެ.
އެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން ގޮޓާބަޔާ ރާއްޖެ ދަތުރުކުރެއްވި ބޯޓު ވީއައިއޭގައި ޖައްސަން ފުރަތަމަ ރާއްޖެގެ އެއާޓްރެފިކް ކޮންޓްރޯލުން ހުއްދައެއް ނުދިނެވެ. ނަމަވެސް އެ ހުއްދަ ލިބުނީ ރާއްޖެގެ ރައްޔިޔުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަމަށް މަސައްކަތް ކޮށްދެއްވައިގެން ކަމަށް އޮފިޝަލުންނާއި ހަވާލާދީ އެ ނޫހުގައި ބުނެފައި ވެއެވެ. އަދި ރައީސް ނަޝީދުގެ ބަހެއް ހޯދަން ސީއެންއެން އިން ނަޝީދަށް ގުޅަން މަސައްކަތް ކުރިކަމަށް ވެސް ބުނެފަވެއެވެ.
ގޮޓާބަޔާ ރާއްޖެ ވަޑައިގެންފައިވާއިރު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން މިކަމާގުޅޭ ގޮތުން ވާހަކައެއް ނުދައްކައެވެ.
ސީސީއެންއިން ލަންކާގެ އޮފިޝަލުންނާއި ހަވާލާދި ބުނެފައިވާ ގޮތުގައި ހޯމަ ދުވަހު ވެސް ދެ ފަހަރެއްގެ މަތިން ގޮޓާބަޔާ ވަނީ ގައުމު ދޫކުރަށްވާ ފިއްލަވަން މަސައްކަތް ކުރަށްވާފައެވެ. މިގޮތުން ހޯމަ ދުވަހު އިރުއޮއްސި 6:25 ގައި ލަންކާއިން ޑުބާއީ އަށް ފުރަން އޮތް ސްރީލަންކަން އެއާލައިންގެ ފްލައިޓުން ފުރާވަޑައިގަންނަށް ގޮޓާބަޔާ ވަނީ އޭނާއާއި، އަނބިކަނބަލުން ލޯމާ ރާޖަޕަކްސަ ހިމެނޭހެން ޢާއިލާގެ 15 ބޭފުޅުންގެ ޕާސްޕޯޓު ހިއްޕަވައިގެން ލަންކާގެ މައި އެއާޕޯޓު، ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނަވާފައި ކަމަށް އެ ޤައުމުގެ ހައިލެވެލް އޮފިޝަލުންނާއި ހަވާލާދީ ސީއެންއެންގައި ރިޕޯޓުކޮށްފަވެއެވެ. އެ ބޭފުޅުން ފިޒިކަލީ އިމިގްރޭޝަންގެ ކަންކަން ނިންމަން ވަޑައިނުގަތުމުން އިމިގްރޭޝަން އޮފިޝަލުން ވަނީ ރައީސަށް ދެވޭ ވީއައިޕީގެ ޚިދުމަތުގެ ތެރެއިން އެކަން ކޮށްދޭން ދެކޮޅު ހަދާފައެވެ. އެހެންވެ އެ ފްލައިޓުން އެ ބޭފުޅުންނަށް ފުރޭ ގޮތެއް ނުވިއެވެ.
ދެވަނަ ފަހަރަށް ފުރުއްވަން މަސައްކަތް ކުރެއްވީ ރޭ 9:20 ގައި ލަންކާއިން އަބޫދާބީއަށް ފުރަން އޮތް ފްލައިޓުންނެވެ. ނަމަވެސް އެ ފަހަރުވެސް އާންމު ކިއުއަށް ވަޑައިގަންނަވަން ގޮޓާބަޔާ ދެކޮޅު ހެއްދެވުމުން ކުރީ ފަހަރެކޭ އެއްގޮތަށް ފުރުއްވޭ ގޮތް ވަނީ ނުވެފައެވެ.
ލަންކާގެ ދިފާއީ އޮފިޝަލުންނާއި ހަވާލާދީ އޭއެފްޕީ ނިއުސްއެޖެންސީގައި ރިޕޯޓުކޮށްފައިވާ ގޮތުން ގޮޓާބަޔާ ވަނީ ކަނޑުމަގުން ކަނޑުގެ ސިފައިންގެ އުޅަނދެއްގައި ވެސް ފިއްލަވަން މަސައްކަތްޕުޅު ކުރަށްވާފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ލަންކާގެ އާންމުން ވަނީ ލަންކާގެ ރައީސްގެ ގެކޮޅު ހިސާރުކޮށްފައެވެ. އެ ހިސާބުން ގޮޓާބަޔާ އުޅުއްވީ ފިއްލަވައިގެންނެވެ.
ގޮޓާބަޔާ ރައީސްކަމުން އިސްތިއުފާ ދެއްވަން ނިންމަވާފައި އޮތީ މިއަދުއެވެ. އެހެންވެ ގައުމަށް ބޭރަށް ވަޑައިގަތީ އިސްތިއުފާ ދެއްވުމާ އެކު ހައްޔަރުކޮށްފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބެލެވެ އެވެ. އޭނާ އަކީ އަދިވެސް ލަންކާގެ ރައީސަށްކަމަށް ވުމުން އޭނާ ހައްޔަރުކުރުމުގެ ގާނޫނީ ބާރެއް ލަންކާގައި ނެތެވެ.
ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައިވާއިރު އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ފިނޭންސް މިނިސްޓަރު ބަސިލް ރާޖަޕަކްސަ ވެސް އިއްޔެ ފުރަން އުޅުމުން އެކަމަށް އެއާޕޯޓުން ވަނީ ހުރަސްއަޅައި އޭނާ ހުއްޓުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!