ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ކޮއްކޯފުޅު ބަސިލް ރާޖަޕަކްސަ ފުރަން އުޅުމުން އެކަމަށް ހުރަސް އަޅައިފި ކަމަށް ބައިނަލްއަޤްވާމީ ބައެއް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ބަސިލްއަކީ ލަންކާގެ ކުރީގެ ފިނޭންސް މިނިސްޓަރެވެ. ލަންކާގެ ހާލަތު ގޯސްވެ އާންމުން ފެށި މުޒާހަރާތަކާއި ގުޅިގެން އުފެދިގެން ދިޔަ ހަމަނުޖެހުންތަކާއެކު އޭނާ ގާނޫނު ހަދާ މަޖިލީހުން އިސްތިއުފާ ދެއްވީ މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. އަދި އޭނާ ވަނީ އޭޕްރިލް މަސްތެރޭގައި މިނިސްޓަރު ކަމުން ވެސް އިސްތިއުފާ ދެއްވާފައެވެ.

Ad
rt

ލަންކާއަށް ނިސްބަތްވީ ނަމަވެސް އެމެރިކާގެ ރަށްވެހިކަން އޮތް ބަސިލް މިއަދު ފުރުއްވަން އުޅުއްވީ ކޮންތަނަކަށް ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް އޭނާ މިއަދު ވަނީ ފުރުއްވަން ލަންކާގެ ކަޓޫނާޔަކޭ އެއާޕޯޓަށް ވަޑައިގަންނަވާފައެވެ.

ބަސިލް ފުރުއްވަން އެއާޕޯޓްގައި ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް އާންމުވެފައިވާއިރު އޭނާ ފެނުމާއެކު އެއާޕޯޓްތެރޭގައި ތިބި އާންމުން ޝުއޫރުފާޅުކޮށް، އޭނާ ފުރުއްވުން ހުއްޓުވުމަށް ގޮވައިފައެވެ.

ލަންކާގެ އިމިގްރޭޝަން އޮފިޝަލުންނާ ޙަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ، ބަސިލް ރާޖަޕަކްސަ ޤައުމު ދޫކުރައްވައި ވަޑައިގަންނަވަން އުޅުއްވުމުން އެކަން އޮފިޝަލުން ވަނީ އޭނާ ހުއްޓުވާފައިވާ ކަމަށެވެ.

ލަންކާގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، އެހެން ގޮތެއް ނެތިގެން އެ ޤައުމުގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ.

ރައީސްގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ މީގެ ކުރިން ވަނީ މުޒާހަރާތަކާ ހެދި ފިއްތުން އިތުރުވެ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފައިވާއިރު، އެއަށްފަހު ގައުމުގެ ނުތަނަވަސްކަމުގެ ހާލަތުގައި މަޤާމާ ހަވާލުވި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ވެސް ވަނީ އިސްތިއުފާ ދެއްވަން ނިންމަވާފައެވެ.

މީގެކުރިން މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ވަނީ ޔޫތު މިނިސްޓަރުކަމުން ވެސް މީގެ ކުރިން އިސްތިއުފާ ދެއްވައިފަ އެވެ.

އިގްތިސާދީ ދަތިކަން ބޮޑުވެ ދަރަނިވެފައިވެފައިވާ ލަންކާގައި އާންމުން ނުކުމެ ވެރިން އިސްތިއުފާ ދޭން މަޖުބޫރުކުރުމުން އުފެދުނު ސިޔާސީ ހަލަބޮލިކަމުގައި އާ ރައީސަކު އިންތިހާބުކުރުން އަންނަ ހަފްތާގެ ބުދަ ދުވަހު ބާއްވަން ވަނީ ނިންމާފައެވެ.