ޔޯގާ ހަރަކާތާ ދެކޮޅަށް ބޭއްވި މުޒާހަރާ އާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުން ތިބި ކަސްޓޯޑިއަލްއަށް ޖަލަށް އިންޑިއާގެ އޮފިޝަލުންތަކެއް ވަދެފައިވާ ކަމަށް ބުނާ ވާހަކައަކީ ފުލުހުން ދޮގުކޮށްފިއެވެ.
ފުލުހުން މިއަދު ހެނދުނު ފޮނުވި މެސެޖެއްގައި ވިދާޅުވީ ކަސްޓޯޑިއަލްއަށް އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލުން ވާން ކަމަށް ބަންދުގައި ތިބި މީހުންގެ ވަކީލުންނާއި ހަވާލާދީ ބައެއް ނޫސްތަކުން ގެނެސްދީފައިވާ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ޚަބަރެއް ކަމަށެވެ.
މިއީ ފުލުހުންގެ މުއައްސަސާގެ ތަސައްވަރު ކިލަނބުވެ ރައްޔިތުންގެ ހިތުގައި ފުލުހުންނާއި މެދު ނަފްރަތު އުފެދި، އިތުބާރު ގެއްލިދާނެ ފަދަ ކަމެއް ކަމެއް ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.
އަދި މިފަދަ ޚަބަރުތައް ގެނެސްދިނުމުގައި އިތުބާރު ކުރެވޭ މަސްދަރުތަކުން ޔަގީން ކުރުމަށް ދިވެހި ފުލުހުން ވަނީ ނޫސްވެރިންނަށް އިލްތިމާސް ކޮށްފައެވެ.
ހައްޔަރުކުރި މީހުންގެ ވަކީލުންގެ ފަރާާތުން އިއްޔެ ރޭ ލެވެންޑާ ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލު އަހުމަދު ރާގިބު ވިދާޅުވި ކަމަށްބުނެ ބައެއް މީޑިޔާތަކުންވަނީ ހައްޔަރުކުރީ މީހުން ފުލުހުންގެ ކަސްޓޯޑިއަލްގައި ތިއްބާ އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލުންތަކެއް އެ ކަސްޓޯޑިއަލްއަށް ވަތް ކަމަށް ރިޕޯޓުކޮށްފައެވެ.
އަދި ކަސްޓޯޑިއަލްއަށް ވަދެ ބެލީ ޔޯގާގެ ހަރަކާތުގެ ތެރެއިން އެ މީހުންގެ ގައިގައި ޖެހިކަމަށް ބުނާ މީހުން ހައްޔަރުކޮށްފައި ތިބިތޯ ކަމަށް އޭނާ ވިދާޅުވިއެވެ.
ހައްޔަރުކޮށްފައި ތިބި މީހުންނަށް އިނގިލި ދިއްކޮށް ފާހަގަކޮށް އަދި ވަރަށް ހަޑި ހުތުރުކޮށް ވާހަކަ ދެއްކި ކަމަށް ރާގިބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެގޮތަށް އިންޑިއާގެ އޮފިޝަލުންނަށް ކަސްޓޯޑިއަލުންނަށް ނުވަދެވޭނެ ކަމަށާއި ވަކީލުންނަށް ވެސް މުވައްކިލުންނާ ބައްދަލުކުރަން ވަދެވެނީ އެތައް ފޯމެއް ފުރައި ހުއްދަ ހޯދައިގެން ވަރަށް މަސައްކަތުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!