އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރެއްކަމަށްވާ ޗެލްސީ ފުޓްބޯލް ކުލަބްގެ މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ދެ ކުޅުންތެރިންކަމަށްވާ އެންގޯލޯ ކަންޓޭއާއި، ލޮފްޓަސް ޗީކް، ކޯވިޑް ވެކްސިން ޖެހިކަމުގެ މަޢުލޫމާތު ފުރިހަމައަށް ހާމަކޮށްފައި ނުވާތީ އެ ޓީމުން ޕްރީ ސީޒަންގައި އެމެރިކާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ބައިވެރި ވުމުގެ ފުރުޞަތު އެ ދެކުޅުންތެރިންނަށް ގެއްލިއްޖެއެވެ.

ކޯވިޑް ވެކްސިން ފުރިހަމަކޮށް އެ މަޢުލޫމާތު ފުރިހަމައަށް ހާމަނުކުރާ ފަރާތްތަކަށް އެމެރިކާއަށް އެތެރެވުމުގެ ފުރުޞަތު، އެމެރިކާގެ ސަރުކާރުން ނުދިން ނަމަވެސް، އެމެރިކާގެ ރައްޔިތުންނަށް ވެކްސިން ފުރިހަމަ ނުކުރި ނަމަވެސް އެ ޤައުމަށް އެތެރެވުމުގެ ފުރުޞަތު އަންނަނީ ދެމުންނެވެ.

Ad
rt

ޗެލްސީން ހޮނިހިރު ދުވަހު އެމެރިކާއަށް ދަތުރު ކޮށްފައިވާއިރު މި ދަތުރުގައި އެ ޓީމުން ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި މި މަހު 17 ވަނަ ދުވަހު މެކްސިކޯގެ ކްލަބް އެމެރިކާއާއި ކުޅުމަށް ހަމަޖެހިފައިވާއިރު، މި މަހުގެ 21 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައި ވަނީ ޗާލޮޓް އެފްސީއާއެވެ. އެއަށްފަހު މި މަހުގެ 23 ވަނަ ދުވަހު ކުޅޭނީ އާސެނަލްއާއެވެ.

މިދިޔަ ސީޒަނުގެ ދިގު މުއްދަތަކަށް އަނިޔާގައި ހޭދަކުރި ޗިލްވެލްއާއި ހަޑްސަން-އޮޑޯއީ މި ދަތުރުގައި ބައިވެރިވެފައިވާއިރު، ފާއިތުވި ސީޒަންގައި ލޯނަށް ދޫކޮށްފައިތިބި ކުޅުންތެރިންކަމަށްވާ ގަލަގާއާއި ގިލްމޯއާއި، އަމްޕަޑޫގެ އިތުރުން ބަޓްޝުއާއީ ވެސް މި ދަތުރުގައި ވަނީ ބައިވެރިވެފައެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން އަދި ކުޅުންތެރިއަކުގެ ސޮއި ހޯދިފައި ނުވިނަމަވެސް އެ ޓީމުން އަންނަނީ މެންޗެސްޓާ ސިޓީގެ ފޯވާޑް، ރަހީމް ސްޓާލިން ގަތުމަށް މަސައްކަތް ކުރަމުންނެވެ.