އިސްލާމީ އީދުތަކަކީ ޝަހުވަތްތަކުގެ ފަހަތުން ދުއްވައިގަތުމެއް ނޫން ކަމަށާއި އީދުގައި އުފާފާޅު ކުރުން އެކަން ޝަރުއު ކުރެއްވީ އިސްލާމީ މުޖްތަމައުގެ އަފްރާދުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އިސްލާމީ އުހުވަތްތެރިކަން ދެމެހެއްޓުވުމަށްކަމަށް މިއަހަރުގެ އަޟްހާ އީދު ދުވަހުގެ ހުތުބާގައި ބުނެފިއެވެ.

މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި ދިން ހުތުބާގައި ބުނެފައިވަނީ އެއީ ކާބޯތަކެތީން ބަނޑުފުރައިލުމާއި މާތްﷲ ގެ ހައްދުތައް ފަހަނައަޅައި ދިނުމެއްވެސް ނޫން ކަމަށާއި އިސްލާމީ އީދުތައް އަންނަނީ ﷲ އަށް އަދާކުރަން ޖެހޭ މުހިންމު އަޅުކަންތަކަކާ ގުޅިގެން ކަމަށާ އެހެން ކަމުން އިސްލާމީ އީދުތަކަކީ މާތްﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ މަތީގައިވާ މުނާސަބަތުތަކެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

Ad
rt

ހުތުބާގައި ބުނީ މާތްﷲ ހައްޖާއި އީދު ޝަރުއު ކުރައްވާފައިވަނީ މި އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް އަދި އެއްބަޔަކު އަނެއްބަޔަކާއެކު އެކުވެރިކަން މަތީ ދިރިއުޅުމަށްޓަކައި ކަމަށެވެ. އަދި މީގެ އިތުރަށް އީދާއި ހައްޖުގައި ސުލްހަމަސަލަސް ކަމާއި އަމަންއަމާންކަންވާ ކަމަށް ވެސް ބުނެފައިވެއެވެ.

"ހައްޖުގެ ތެރެއިން ލާފައި ކޮންމެ ހައްޖުވެރިއަކަށް ވެސް އަނެކާއަށް ހުރުމަތްތެރިކޮށް ހިތައި އިހުތިރާމުކުރަން ދަސްވެއެވެ. އެކަކު އަނެކަކަށް އަދާވާތްތެރި ނުވުމަށާއި, ދެކޮޅުވެރި ނުވުމަށް ތަމްރީނު ލިބެއެވެ. އެކަކު އަނެކެއްގެ މިނިވަންކަމަށް އަރައިނުގަތުމަށް ތަރުބިއްޔަތު ލިބެއެވެ..،"

ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ވަނީ މާތް ﷲ އަށް ބިރުވެތިވުމަށް ގޮވާލާފަ އެވެ. އަދި މި އީދުން ހަޔާތުގެ އާ ސަފުހާއެއް ހުޅުވާ މިއަދުގެ ހާލަތަށްވުރެ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ. މުސްލިމުންނަކީ ގަދަރު ލިބިފައިވާ ބަޔަކަށް ވާނީ ހަޔާތުގެ ސަމުގާ އަކީ އިސްލާމް ދީނާއި ދީނުގެ ރިވެތި އަހުލާގުކަމުގައި ހަދައިގެން ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

"އިއްޒަތާއި ގަދަރު ހާސިލް ކުރެވޭނީ އަހަރެމެންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ހަރުދަނާ ކޮށްގެން. އަހަރެމެންނަކީ ބައިބައި ނުވެ އުންމަތުގެ މަސްލަހަތު ހާސިލް ކުރުމަށްޓަކައި އެއް ގަލަކަށް އަރާ މަސައްކަތް ކުރާ ބަޔަކަށް ވެގެން،"

ހުތުބާގައި ބުންޏެވެ.

އީދު ހުތުބާގައި ވަނީ ބޮޑު އީދުގެ އުފާ ފާޅުކުރަމުން އަންނައިރު ދުނިޔޭގެ ބައެއް ގައުމުތަކުގައި އުޅެމުންދާ މުސްލިމުންގެ ބިކަ ހާލު ހަނދާންކޮށް، އެމީހުންގެ ހާލަތު ރަނގަޅުވުމަށް އެދި ދުއާކުރުމަށް ވެސް އެދިފަ އެވެ.

"އެމީހުންގެ ރަށްތަކަށް އަމާން ވެރިކުރައްވާތޯ ﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވާށެވެ. މިގޮތަށް އަހަރެމެންގެ އީދުގެ އުފަލުގައި އެމީހުން ބައިވެރިކުރެވިދާނެ އެވެ،"

އާއިލާތަކާއި އަވަށްޓެރިން އީދުގެ އުފަލުގައި ބައިވެރިކުރުވާ ގޮތަށް ގައުމުގައި ދިރިއުޅެމުންދާ މެހެމާނުން ވެސް އީދުގެ އުފަލުގައި ބައިވެރިކުރުމަށް ހުތުބާގައި ނަސޭހަތްތެރިވެ އެވެ.

އީދުން އާ ސޮފުހާއެއް ހުޅުވުމާލުމަށް ނަސޭހަތްތެރިވެ ހުތުބާގައި ވަނީ އަހަރެމެންގެ މިއަދުގެ ހާލަތު މިއަށް ވުރެ ރަނގަޅުކުރަން މަސައްކަތްކުރުމަށާއި މުޅި ހަޔާތުގެ ސަމުގާއަކީ އިސްލާމް ދީނާއި އެ ދީނުގެ ރިވެތި އަހްލާގު ކަމުގައި ހަދައިގެން ކުރިއަށް ދިއުމަށް ވެސް ގޮވާލައިފަ އެވެ. އަދި އެއްބައިވަންތަކަމާއި އެކުވެެރިކަމާ އެކު ކުރިއަށް ދިއުމަށް ގޮވާލި އެވެ.