އައިޖީއެމް ހޮސްޕިޓަލުން ގްލެން އީގަލްސް ގްލޯބަލް ހެލްތު ސިޓީއާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ބުނީ މި އެމްއޯޔޫއަކީ އެ ހޮސްޕިޓަލުގެ ތަރައްޤީއަށާއި މީހުން ބިނާކޮށް ތަމްރީން ކުރުމަށް އެއްބަސް ވެވުނު އެއްބަސްވުމެއް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން އައި.ޖީ.އެމް.އެޗްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީނާއި އޮބްޒާވަރޝިޕް އާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓުތަކަށް ބޭނުންވާ އެހީތެރިކަން ގްލެން އީގަލްސް ގްލޯބަލް ހެލްތު ސިޓީން ފޯރުކޮށްދޭނެއެވެ.

Ad
rt

މިޕްރޮގްރާމްގެ ދަށުން އެކި ބަލިތަކަށް ފަރުވާދޭ ޚާއްސަ މަރުކަޒުތައް ޤާއިމް ކުރެވިފައިވާ އައި.ޖީ.އެމް.އެޗްގެ ޗެއިންގައި އެ ހޮސްޕިޓަލަށް ތާފާތު އެކި ދާއިރާތަކުން އޮބްޒާވަރޝިޕް ހެދުމުގެ ފުރުސަތު ލިބިގެން ދާނެކަމަށާއި، ވަކިން ޚާއްސަކޮށް ގޭސްޓްރޮސައިންސްއާއި ނިއުރޯސާޖަރީގެ އިތުރުން ތަފާތު ސްޕެޝަލިސްޓް ދާއިރާތަކުން އައި.ޖީ.އެމް.އެޗްއަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވާކަމަށް އައިޖީއެމްއެޗުން ބުނެފައި ވެއެވެ.

ގްލެން އީގަލްސް ގްލޯބަލް ހެލްތު ސިޓީއާއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން އައި.ޖީ.އެމް.އެޗުން ޚިދުމަތް ނުލިބޭ ދާއިރާތަކަށް ޚާއްސަ ޑޮކްޓަރުން، ބަލިމީހުން ބެލުމާއި ސާޖަރީ ކުރުމަށް ހަމަޖެހިފައިވާތީ ރާއްޖެއިން ބޭރަށް ދަތުރުނުކޮށް ބަލިމީހުންނަށް ފަސޭހަވާނެހެން ރާއްޖޭގައި ތިބެގެން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެއެވެ.

ގްލެން އީގަލްސް ގްލޯބަލް ހޮސްޕިޓަލް ތަކަކީ އައި.އެޗް.އެޗް ހެލްތުކެއަރގެ ދަށުން ހިންގޭ ހޮސްޕިޓަލް ތަކެކެވެ. އަށްޑިހަ ހަތަރު ހޮސްޕިޓަލް ހިންގާ މި ގްރޫޕްގެ ހޮސްޕިޓަލްތައް ސިންގަޕޫރާއި، މެލޭޝިޔާގެ އިތުރުން ތުރުކީ އަދި އިންޑިއާގައި ވަނީ ޤާއިމު ކޮށްފައެވެ.

މި ހޮސްޕިޓަލް ތަކަކީ ދުނިޔޭގެ ފަންތީގެ ޚިދުމަތްތައް ފޯރުކޮށްދޭ ޒަމާނީ ވަޞީލަތްތައް ޤާއިމު ކުރެވިފައިވާ ހޮސްޕިޓަލްތަކެކެވެ.