ހދ. ކުޅުދުއްފުށީ ކޯޓުގެ އެޑްމިިނިސްޓްރޭޓަރު ހިމެނޭގޮތަށް، އެ މަގާމުން ވަޒީފާއިން ވަކިކުރި 10 މީހަކަށް އަލުން ވަޒީފާދޭން ޖެހޭނެ ކަމަށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން 2020 ވަނަ އަހަރު ވަޒީފާއިން ވަކިކުރީ ފެންވަރު ބެލުމުގެ އުސޫލުގެ ދަށުން ވަކި އަދަދަކަށް މާކްސް ނުލިބޭ ކަމަށް ބުނެ އެވެ. އޭގެ ތެރޭގައި މެޖިސްޓްރޭޓް ކޯޓުތަކުގެ އިތުރުން ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓުގެ އެޑްމިނިސްޓްރޭޓަރު ވެސް ހިމެނެ އެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިދިޔަ އަހަރު ނިންމާފައި އޮތީ އެ މީހުންނަށް އަލުން ވަޒީފާ ދޭންޖެހޭނެ ކަމަށެވެ.
އެ މައްސަލަ ޖޭއެސްސީން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މީހުން ވަކިކުރީ މަގާމު އުވުމުން ކަމަށް ޖޭއެސްސީން ބުނާ ބުނުން ހަމަނުޖެހޭ ކަމަށެވެ. އަދި އަލަށް އެކުލަވާލި އުސޫލުގައި ވެސް، ކުރީގެ މަގާމު އުވުނީ ކަމަށް ބުނެފައި ނުވާއިރު އަލަށް އުފެއްދި މަގާމާއި ކުރީގެ މަގާމުގެ ޒިންމާގައި ވެސް މާ ބޮޑު ތަފާތެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
ޖޭއެސްސީން އެދުނީ ވަޒީފާ އަނބުރާ ދިނުމުގެ ބަދަލުގައި ފައިސާގެ ބަދަލެއް ދިނުމަށެވެ. އެކަމަކު ހައި ކޯޓުން ވެސް ނިންމީ ޓްރައިބިއުނަލްގެ ނިންމުމުގައިވާ ގޮތަށް، ވަޒީފާ އަނބުރާ ދޭންޖެހޭނެ ކަމަށެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!