ބާޖެއް އޮޔާދާތީ ކަނޑުދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް، ސިފައިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މާލެއިން ފުރައިގެން އިންޑިއާގެ ޓުޓްކޮރިންއަށް ދަތުރުކުރަމުން ދިޔަ ޓަގެއްގެ ކަފުގައި އޮތް ބާޖެއްގެ ވަޔަރުކަނޑައިގެން ގޮސް އޮޔާދާކަމުގެ މަޢުލޫމާތު އެ އިދާރާގެ ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ.

Ad
rt

މި ބާޖު ކަނޑައިގެން ގޮސްފައި ވަނީ، މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުންނެވެ. އެ ހާދިސާ ހިނގާފައި ވަނީ ނ. މާފަރުގެ އިރުން 117 ނޯޓިކަލް މޭލު ބޭރުންނެވެ. މި ބާޖު އޮޔާ ގެންދަނީ އެ ސަރަހައްދުން އިރަށެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބާޖަކީ ދިގުމިނުގައި 87.84 މީޓަރު އަދި ފުޅާމިނުގައި 24.40 މީޓަރު ހުންނަ ބާޖެކެވެ. އަދި މި ބާޖުގެ ސްޓަރބޯޑް ސައިޑްގައި ފެހި ލައިޓެއް، އަދި ޕޯޓް ސައިޑްގައި ރަތް ލައިޓެއް ހުރެއެވެ.

"އެ ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސްކުރަމެވެ." އެމްއެންޑީއެފުން ވިދާޅުވެފަވެއެވެ.

މި ބާޖާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުންނާއި އެ ހިސާބުގެ ރަށްތަކުން ބަލައި ދިނުމަށް އެމްއެންޑީއެފުން އެދިލައްވައެވެ. އަދި މި ބާޖާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށް ދިނުމަށް ވެސް އެ އިދާރާއިން އެދިލައްވައެވެ.