ވޯލްޑް އޯޝަންސް ކޮންފަރެންސްގައި އެންވަޔަރމަންޓް މިނިސްޓަރ ޝައުނާ ބައިވެރިވެ ވަޑައިގެންފިއެވެ.

ޕޯޗްގަލްގެ ވެރިރަށް ލިޒްބަންގައި ކުރިޔަށްދާ މި އަހަރުގެ އ.ދ.ގެ އޯޝަން ކޮންފަރެންސްގައި، ވޯލްޑް އޯޝަންސް ކޮންފަރެންސްގައި އެންވަޔަރމަންޓް މިނިސްޓަރ ޝައުނާ ބައިވެރިވެ ވަޑައިގެންފައިވަނީ ރައީސުލް ޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައެވެ.

Ad
rt

ކަނޑުގެ ދިރުންތަކަށް ބަރޯސާވެފައިވާ އިޤްތިޞާދުތައް ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭގޮތުން، އަދި ވަކިން ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި އެންމެ ކުޑަކޮށް ތަރައްޤީ ވެފައިވާ ޤައުމުތަކަށް އަމާޒު ކޮށްގެން ބޭއްވި، ފަސްވަނަ އިންޓަރެކްޓިވް ޑައިލޮގުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވަނީ ތަޤުރީރު ކުރައްވާފައެވެ.

.މި ޖޫން މަހުގެ 27 އިން ޖުލައި 1 އަށް ޕޯޗުގަލްގެ ލިސްބަންގައި ކުރިޔަށްދާ އ.ދ.ގެ އޯޝަން ކޮންފަރެންސް 2022ގައި މިނިސްޓަރ ޝައުނާ ވަނީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި ކަނޑުގެ ސަތަޙަ ބޮޑު ޤައުމުތަކަށް ކުރިމަތިވާ ނާޒުކު މައްސަލަތަކަށް ރިއާޔަތްކޮށް "މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް"އެއް ކަނޑައެޅިފައި އޮތުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.

މީގެއިތުރުން ކަނޑުތަކުގެ ދިރުންތަކަށް ބަރޯސާވާ އިޤްތިޞާދުތައް ހަރުދަނާކުރުމަށް ދިގުމުއްދަތެއްގައި ކަންކަން ފަސޭހަކޮށްދީ، އެހީތެރިވެވޭނެ ގޮތްތަކަށް ސިޔާސަތުތައް އެކުލަވާލުމުގެ މުހިންމުކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ކޮންފަރެންސްގައި ކުރިޔަށްދިޔަ އިންޓަރެކްޓިވް ޑައިލޮގްގައި މިނިސްޓަރ ޝައުނާ ވަނީ ދިވެހިރާއްޖެވެސް ހިމެނޭހެން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު މައްސަލަތަކަށް އަލިއަޅުއްވާ ލައްވާފައެވެ.

އެގޮތުން ރާއްޖޭގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި ލިބޭ އާމްދަނީއާ އަދި ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ 60 އިންސައްތަ ގުޅިފައި ވަނީ ކަނޑުގެ ދިރުންތަކާއިކަން މިނިސްޓަރ ޝައުނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ޝައުނާ ވަނީ ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށް ދިނުމަކީ އަދުގެ ލީޑަރުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަން ހަނދުމަފުޅުކޮށް އަރުވާފައެވެ.