ށ.އަތޮޅު ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އަތޮޅު ކައުންސިލުން ކޮމްޕިއުޓަރު ހަދިޔާ ކޮށްފިއެވެ.

ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ށ. އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމް ވިދާޅުވީ މި ކޮމްޕިއުޓަރ ސިސްޓަމް ތަކަކީ ށ. އަތޮޅު ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ށ.އަތޮޅު ކައުންސިލުން ރާވައިގެން ކުރިޔަށްގެންދާ ޕްރޮގްރާމުގެ ދަށުން ފުރަތަމަ ބުރުގައި ސްޕޮންސަރުންގެ ފަރާތުން ލިބިފައިވާ ކޮމްޕިއުޓަރ ސިސްޓަމް ތަކެއް ކަމަށެވެ.

Ad
rt

ސްޕޮންސަރުންގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ބުރުގައި ކޮމްޕިއުޓަރ ސިސްޓަމް ދޫކޮށްފައިވަނީ ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިދާރީ ޙާލަތަށް ބަލައި، އަދި ކޮމެޓީތަކުގެ ހިންގުމުގެ ޕާފޯމަންސަށް ބަލައިގެންނެވެ. މި ބުރުގައި ކޮމްޕިއުޓަރ ސިސްޓަމް ދޫކުރެވިފައިވަނީ ށ. ނޫމަރާ، ފޭދޫ، މާއުނގޫދޫ، ގޮއިދޫ، ނަރުދޫ، ފީވައް، ބިލެތްފަހީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށެވެ.

މި ޕްރޮގްރާމުގެ ދަށުން ކޮމްޕިއުޓަރ ސިސްޓަމް ދޫނުކުރެވިވާ ރަށްރަށަށް ސިސްޓަމްތައް ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން ގެންދާ ކަމަށާއި، މި އަހަރުގެ ތެރޭގައި ދެވޭގޮތް ނުވެއްޖެނަމަ އަންނަ އަހަރުގެ ބަޖެޓްގައި ހިމައިގެން ނަމަވެސް މި ޕްރޮގްރާމް ކުރިޔަށް ގެންދަވާނެ ކަމަށް ށ.އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 7 ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާ ކޮށްދެއްވާފައި ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކަމަށާއި، އަންހެނުންގެ ތަރައްޤީއަށާއި، ކުރިއެރުމަށް ފެނަކަ ކޯޕަރޭޝަނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ޝުކުރުވެރި ކަމާއެކު ފާހަގަ ކުރާކަމަށް ށ.އަތޮޅު ކައުންސިލުން ހާމަކުރައްވައެވެ.

މިއެހީތެރިކަމާއެކު އެ އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ށ އަތޮޅު ކައުންސިލުން ކުރާ މަސައްކަތް ފާހަގަކޮށް އެ ކޮމެޓީތަކުން ވަނީ ށ. އަތޮޅު ކައުންސިލަށް ޝުކުރު އަދާކޮށްފައެވެ.

ށ އަތޮޅު ކައުންސިލުން އަންނަނީ ދާއިރާގެ ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ އިތުރުން ސްކޫލުތަކަށާއި ކައުންސިލްތަކަށްވެސް ބޮޑެތި އެހީތަކެއް ފޯރުކޮށް ދެމުންނެވެ. އެގޮތުން ޢީދު ހަދިޔާގެ ގޮތުގައި ޢީދުކުޅިވަރުތައް ރާވައި ހިންގުމަށް ދާދިފަހުން ކޮންމެ ކައުންސިލަކަށް ފަސްހާސް ރުފިޔާ ދީފައިވެއެވެ.