ލީކުވަމުންދާ ފޮޓޯތަކާ ވީޑިޔޯތަކުން ފެންނަ އެންމެން މަގާމުތަކުން އިސްތިއުފާ ދިނުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމުން ގޮވާލައިފިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރީފޯމް މޫވްމެންޓް، އެމްއާރުއެމުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ބަދުއަހްލާގީ އަމަލުތައް ފެންނަ ފޮޓޯ އަދި ވީޑިއޯތައް ލީކުވި މައްސަލައިގައި އެފަދަ ފޮޓޯތަކާއި ވީޑިއޯތަކާއި ފެންނަ މީހުންގެ ތެރެއިން ދައުލަތުގެ އެކިއެކި މަގާމުތައް އަދާކުރާ މީހުން އެ މަގާމުތަކުން އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ.

Ad
rt

އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްސަލަ ވަކި މީހަކަށް ނުބަލައި ތަފާތު ކުރުމެއް ނެތި ހަމަހަމަ އުސޫލެއްގެ ދަށުން ކަމާބެހޭ ފަރާތް ތަކުން ހާއްސަ އިސްކަމެއް ދީގެން އަވަހަށް ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށްވެސް އެމްއާރްއެމުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އެފަދަ އަމަލުތައް ހިންގާ މީހުން ނިސްބަތްވާ މުއައްސަސާތަކުން އެމީހުންނާއި މެދު އެކަށޭނެ ފިޔަވަޅު އެޅުމަށް ވެސް މި ބަޔާނުގައި ގޮވާލާފައި ވާއިރު، މިހާރު ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ މީހުންގެ ތެރެއިން ދައުލަތުގެ އެކި މަގާމުތައް އަދާކުރާ މީހުން އެ މަގާމުތަކުން އިސްތިއުފާދީ ދައުލަތުގެ މަގާމުތަކާއި ޒިންމާތަކުން އެކަހެރި ވުމަކީ، ދައުލަތުގެ ބާރުތަކާއި، މުއައްސަސާތަކާއި، ސިޔާސީ ނިޒާމާއި، ސިޔާސީ ޕާޓީތަކާއި މެދު ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަލުން އިޔާދަކުރުމަށް ކޮންމެހެން ކުރުން މުހިއްމު ކަމެއް ކަމަށް އެމްއާރުއެމުން ބުނެފައި ވެއެވެ.

އެމްއާރްއެމް އިން ބުނީ މިފަދަ އަމަލެއްގައި އެޕާޓީގެ މެންބަރަކު ބައިވެރިވެއްޖެ ނަމަ ހާއްސަ އިސްކަމެއް ދީގެން ޕާޓީގެ އޮނިގަނޑުގެ ތެރެއިން މައްސަލަ ބަލައި ޕާޓީގެ އަސާސްތައް ދެމެހެއްޓުމަށާއި ޕާޓީއަށް އޮތް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.