ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ރިވެލި މައުރަޒް ގެ ނަމުގައި މަޢުރަޒެއް ބެއްވުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ހަމަޖައްސައިފިއެވެ.
މި މަޢުރަޒުގެ މަޤުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް މުޖުތަމަޢުއަށް ދައްކާލުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިމައުރަޒުގައި އެފަދަ މީހުންނާއި ކުދިން ކުރަމުން އަންނަ މަސައްކަތްތަކާއި، ތައްޔާރުކުރާ ތަކެތި ދައްކާލުމާއި، މި ތަކެތި ވިއްކުމާއި، ވިއްކޭނެ މަގު ތަނަވަސްކޮށްދިނުމާއި، އެކަންތައްތަކާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ ފުރުޞަތު ހޯދައިދެވޭނެކަމަށް ވެސް މިނިސްޓްރީގެ އިޢުލާނުގައި ވަނީ ބުނެފައެވެ.
01 ޑިސެމްބަރ 2019 އިން 05 ޑިސެމްބަރ 2019 ގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ މި މައުރަޒު ސަބަބުން މި ދާއިރާގެ ފަންނީ ބޭފުޅުންގެ އެހީތެރިކަން ލިބޭނެ މަގު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހިކޮށްދެވިގެންދާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެހެންކަމުން މިފަދަ ފުރުސަތު ތަކުގެ ބޭނުން ހިފާ މައުރަޒުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މަޢުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުމަށް ފަހު 14 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، މާލޭގައިނަމަ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް އަދި އަތޮޅުތެރޭގައި ނަމަ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ މެދުވެރިކޮށް މި މިނިސްޓްރީއަށް ފޮނުއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މީގެ އިތުރުން އަދި އީމެއިލް މެދުވެރިކޮށް ފޮނުއްވަން ބޭނުންވާ ފަރާތްތަކުން disability@gender.gov.mv އެފަރާތުގެ އީމެއިލް އަށް މެއިލް ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް މިނިސްޓްރީގެ ކައުންޓަރުންނާއި، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުންނާއި، ރަށު ކައުންސިލްތަކުންނާއި، މިނިސްޓްރީގެ ވެބް ސައިޓް އިން ލިބެން ހުންނާނެކަމަށާއި މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3027557 ޑިސްއެބިލިޓީ ޑިވިޜަނަށް ގުޅުއްވާ އިތުރު މައުލޫމާތު ހޯދުމަށްއެފަރާތުގެ އިޢުލާނުގައި ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!