ލިވާތު ކުރާ މީހުން ކިބައިން ޤައުމު ސަލާމަތް ކޮށްދެއްވުމަށް އަރަފާތު ބިމުގައި ދުއާކޮށްދޭން ދިވެހި ހައްޖުވެރިންގެ ކިބައިން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފިއެވެ.
އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ ކިބައިން ޤައުމު ސަލާމަތް ކޮށްދެއްވުމަށް އަރަފާތު ބިމުގައި ދުޢާކޮށް ދިނުމަށް ޑރ. ޝަހީމް އެދިވަޑައިގެންފައި މިވަނީ ފަހަކަށް އައިސް ރާއްޖޭގައި މިފަދަ މައްސަލަތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.
ރާއްޖެއިން ހައްޖަށްދާ ޙައްޖުވެރިންގެ ފުރަތަމަ ޖަމާއަތް ރޭ ފުރަން ފެށުމާއެކު ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލިވާތު ބާގައިގެ މީހުންނާއި އެމީހުންނަށް އެހީވާ މީހުންގެ ކިބައިން ރާއްޖެ ސަލާމަތް ކޮށްދެއްވުމަށްއެދި އަރަފާތު ދުވަހު ޢަރަފާތު ބިމުގައި ދިވެހި އެންމެހާ ހާޖީން ދުއާ ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެއިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ޙައްޖުވެރިން ޙައްޖަށްދާ މަންޒަރު ފެނުމުން ވަރަށް އުފާވާކަން ފާހަގަކުރައްވައި ޑރ. ޝަހީމް ވަނީ ހުރިހާ ޙައްޖާޖީންނަށް ވެސް އަމާން ދަތުރަކަށް އެދިވަޑައިގެންފައެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އުފައްދަވާފައިވަނީ ޑރ. ޝަހީމްގެ އިސްލާމިކް މިނިސްޓަރުކަމުގައެވެ.
މި އަހަރު ރާއްޖެއިން 453 މީހުން ހައްޖަށް ދާއިރު، ސައޫދީ އެއާލައިންސުން ރޭ ފުރާފައިވަނީ 157 މީހެކެވެ. މީގެ އިތުރުން ޙައްޖުވެރިން ފުރަން ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހާއި ހޮނިހިރު ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!