މާފުށީގެ އިތުރުން ކައިރި ރަށްރަށުގެ ކުނި ސްޓެލްކޯއިން މެނޭޖް ކުރަން ނިންމައި މާފުށީގައި މަސައްކަތް ފަށައިގެންފިއެވެ.

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މާފުށީގެ ކުނި މެނޭޖް ކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނިން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އެވެ. މި އެއްބަސްވުމުގައި މާފުށީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު އެވެ.

Ad
rt

ސްޓެލްކޯއިން މާފުށީގެ ކުނި މެނޭޖް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ މާފުށްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަ ކުރު މުއްދަތެއްގެ ތެރޭގައި ޙައްލު ކޮށްދެއްވާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ މާފުށީގައި ކުނި މެނޭޖް ކުރަން މިވަގުތު މި ފެށުނީ ކުންފުނީގެ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށާއި މި މަރުޙަލާ ނިމުމުން މާފުށްޓާއި މާފުށީގެ ކައިރީގައި ހުރި ރަށްތައް ކަމަށްވާ ގުޅިއާއި ގުރައިދުއާ ހަމައަށް ޚިދުމަތް ފުޅާ ކުރައްވާނެ ކަމަށެވެ.

ސްޓެލްކޯއިން މާފުށީގެ ކުނި މެނޭޖުކުރުމުގެ މަސައްކަތާއި ހަވާލުވެފައި ވާއިރު އެރަށުގައި ސަޕްލައި ފެނާއި ކަރަންޓުގެ ހިދުމަތް ވެސް ދެމުން އަންނަނީ އެ ކުންފުނިންނެވެ.

ފަހަކަށް އައިސް ސްޓެލްކޯގެ މެނޭޖްމަންޓަށް ސަރުކާރުން ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ.

އެގޮތުން ސްޓެލްކޯގެ ބޯޑުގެ ޗެއާމަން ކަމަށް އައްޑޫ ސިޓީގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު ބްރިގޭޑިއާ ޖެނެރަލް (ރޓ) އިބްރާހިމް ދީދީ ވަނީ ހަމަޖައްސަވާފައެވެ.

މި މަޤާމަށް ޑީޑީ އައްޔަން ކުރެއްވުމާއެކު ސްޓެލްކޯއަކީ ވިޔަފާރި ކުންފުންޏެއްގެ ބަދަލުގައި ރައްޔިތުންނަށް ހިދުމަތް ކުރަން އޮތް ކުންފުންޏަކަށް ވާންޖެހޭނެ ކަމަށް ކުންފުނީގެ އާ ޗެއާމަން ވަނީ ވިދާޅުވެފައެވެ.

ޑީޑީ ވިދާޅުވެފައިވަނީ ސްޓެލްކޯ އުފެއްދީ ވަރަށް މާތް މަގުސަދެއްގައި ކަމަށާއި އެއީ ކުންފުނިން ދޭ ހިދުމަތް އެއް ދުވަހުން އަނެއް ދުވަހަށް ފުޅާކޮށް މިއަދަށްވުރެ މާ ރަނގަޅު ހިދުމަތްތަކެއް މާދަމާ ދިނުމަށް ތައްޔާރުވާން ޖެހޭނެ ކަމަށެވެ.