އެގްރޯނެޓާ ގުޅިގެން ސްކޫލްތަކުގައި ގާޑްން ހެއްދުމުގެ ޕްރޮގްރާމުގައި ބައިވެރިވިމުގެ ފުރުޞަތު ސްކޫލު ތަކަށް ހުޅުވާލައިފިއެވެ.
އެގްރޯނެޓުން ބުނީ، އެގްރޯނެޓް ސްކޫލް ގާޑްނިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ސްކޫލުތަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި، އެންމެ ރަގަޅު ފަސް ހުށަހެޅުމެއް ހުށަހަޅާ ފަސް ސްކޫލަކަށް މިއަހަރު ފުރުޞަތު ދޭނެ ކަމަށެވެ
މި ޕްރޮގްރާމަށް ސްކޫލުތަކުން ޕްރޮޕޯސަލް ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ޖުލައި މަހުގެ 21 ވާ އާދީއްތަ ދުވަހެވެ.
މިޕްރޮގްރާމަށް ސްކޫލުތަކުން ޕްރޮޕޯސަލް ހުށައަޅާއިރު، ޕްރޮޖެކްޓްގެ ތަޢާރަފާއި ޕްރޮޖެކްޓް ކުރިޔަށް ގެންދާނެ ގޮތާއި، ސްކޫލުގެ ބައިވެރިވުމާއި ދަރިވަރުންގެ ބައިވެރިވުން އޮންނާނެ މިންވަރާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރިޔަށް ގެންދިޔުމަށް ރާވާ ގޮތް ޕްރޮޕޯސަލްގައި ބަޔާން ކުރަން ޖެހޭނެއެވެ.
އެގްރޯނެޓް ސްކޫލް ގާޑްނިންގ ޕްރޮގްރާމަކީ، ދަނޑުވެރިކަމުގައި ސްކޫލު މަދަރުސާތަކުގެ ބައިވެރިވުން އިތުރު ކުރުމަށާއި ދަނޑުވެރިކަމަށް ދަރިވަރުންގެ ޝައުޤު އުފެއްދުމަށް އެގްރޯނެޓުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
އެގްރޯނެޓުން މި މަހު ވެސް ވަނީ ބޮޑު ތިލަދުންމަތީގެ ދަނޑުވެރިންނަށް އަމާޒު ކޮށްގެން ހދ. ހަނިމާދޫގައި ޚާއްޞަ ޙަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!