ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022 ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ ރުވާންޑާގެ ވެރިރަށް ކިގާލީގެ ކިގާލީ ކޮންވެންޝަން ސެންޓަރުގައެވެ. މި ބައްދަލުވުމުގައި، އެފްރިކާ، ކެރީބިއަން، އެމެރިކާ އަދި ޔޫރަޕް، އޭސިއާ، ޕެސިފިކްގެ 54 ޤައުމެއްގެ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެން، ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި އައު ފުރުޞަތުތައް ދެނެގަތުމާއި އަންނަން އޮތް ޖީލުތަކަށް ހުރި ގޮންޖެހުންތައް ޙައްލުކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިޔަށްދާނެއެވެ.
މި މަހުގެ 20-25އަށް ކުރިޔަށްދާ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ބާއްވާ މަތީ ފަންތީގެ ބައްދަލުވުމުގައި ވިޔަފާރިއާއި ޞިއްޙަތާ އަދި ތިމާވެށި ފަދަ މައުޟޫޢުތަކަށް މަންދޫބުންގެ މެދުގައި މަޝްވަރާތައް ކުރިޔަށްދާނެއެވެ.
ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުގައި 4 ފޯރަމަކާއި، މިނިސްޓީރިއަލް މީޓިންގތަކާއި، ހަވާސާގައި ބާއްވާ އިވެންޓްތަކާއި، އެހެނިހެން ޙަރަކާތްތައްވެސް ހިމެނެއެވެ.
ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022ގެ ޝިއާރަކީ "ޑެލިވަރިންގ އަ ކޮމަން ފިއުޗަރ: ކަނެކްޓިންގ، އިނޮވޭޓިންގ، ޓްރާންސްފޯމިންގ" މި އެވެ.
ކޮމަންވެލްތު އޮފް ނޭޝަންސްގައި ރާއްޖެއިން ފުރަތަމަ ބައިވެރިވީ 9 ޖުލައި 1982 ގައެވެ. ނަމަވެސް 13 އޮކްޓޯބަރ 2016 ގައި ދިވެހިރާއްޖެއިން ވަނީ ކޮމަންވެލްތުގެ މެންބަރުކަން ދޫކޮށްލާފައެވެ. މި ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވަޢުދާ އެއްގޮތަށް ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުން 1 ފެބްރުއަރީ 2020 ގައި ބަލައިގަނެ، ރާއްޖެވަނީ އެޖަމާޢަތުގެ 54 ވަނަ މެންބަރު ޤައުމުގެ ގޮތުގައި ހިމަނާފައެވެ.
ކޮމަންވެލްތުގައި ހިމެނޭ 54 ޤައުމެއްގެ 2.5 މިލިއަން މީހުން ތަމްސީލުކުރާ އިރު، އޭގެ ތެރެއިން 25 ޤައުމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!