ހަރުކަށި ފިކުރު ފަތުރާކަމަށްބުނެ 35 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.

ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް މީހުން ފޮނުވާކަމަށާއި ހަރުކަށި ފިކުރު ފަތުރާކަމަށްބުނެ ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ.

Ad
rt

ފުލުހުން މައުލޫމާތު ދޭގޮތުގައި އެ މީހާއަކީ ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތު ކުރެވޭ މީހެއްކަމަށެވެ.

އަދި އޭނާއަކީ ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގެ މަސައްކަތްކުރާ ފަރާތެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ކޮން ތަަނަކުންކަމެއް ސާފުވާގޮތް ވަނީ ނުވެފައެވެ. ނަމަވެސް މާލޭގެ ޗާންދަނީ މަގުގައި ހުންނަ ވެސްޓާން ޔޫނިއަން ޖެހިގެން އިން ގޯޅިގަނޑުގައި ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އޭނާއާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.

ސީރިއާގައި ހިނގަމުންދާ ހަނގުރާމާގައި ދިވެހިންގެ ބަޔަކު ބައިވެރިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ހަނގުރާމައިގައި މަރުވެފައިވާއިރު، އެތައް ދިވެހިންނެއް ސީރިއާގައި ވަނީ ހާލުގައި ޖެހިފަ އެވެ. ސީރިއާގައި ތިބި ދިވެހިންގެ އަދަދު ޔަގީންކޮށް ބުނަން ނޭންގުނު ނަމަވެސް ސަރުކާރުން ވަނީ ކަންބޮޑުވާންޖެހޭ މިންވަރަށް ސީރިއާގެ ހަނގުރާމާގައި ބައިވެރިވާން ދިވެހިން ގޮސްފައިވާކަމަށް ބުނެފަ އެވެ.