ދަނބިދޫ އާއި ކަލައިދޫ ގުޅުވާލަން ހަދާ ކޯޒްވޭގެ އީއައިއޭ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ މެންބަރުންނާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

Ad
rt

ކަލައިދޫ އާއި ދަނބިދޫ ގުޅުވާލުމުގެ ވައުދަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެކަމަކު އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ އެރަށުގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކަލައިދޫ އާއި ދަނބިދޫއާ ދެމެދު އެއް ކިލޯ މީޓަރު ހުރެ އެވެ.

މިއަދުގެ ބައްދަލުވުމުގައި މި ނުނަސް އެ ރަށުގެ ތަރައްގީއާ ގުޅޭ ގިނަ މަޝްވަރާތައް ކޮށްފައިވެއެވެ. އެގޮތުން ކަލައިދޫ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ލ. ދަނބިދޫ އަދި ކަލައިދޫ ގުޅުވާލުމަށް ހަދާ ކޯޒްވޭގެ މަސައްކަތާއި ކަލައިދޫ ބަނދަރުގެ މަސައްކަތް ނުފެށި ވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމާއި ރަށްގިރާ ސަރަޙައްދު ހިމާޔަތްކުރަން ބޭނުންވާކަމާއި ސްކޫލަށް މަލްޓިޕަރޕަސް ހޯލެއްގެ މުހިންމުކަމާއި އަދި މި ނޫންވެސް ރަށުގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް މުހިންމުކަންކަން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލު މެންބަރުންނާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ކޯޒްވޭގެ މަސައްކަތުގެ އީ.އައި.އޭ ހެދުމުގެ މަސައްކަތް ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.