ހައި ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ފެމިލީ ކޯޓުގެ ކުރީގެ އިސް ގާޒީ ހުޒައިފާ މުހައްމަދު އައްޔަން ކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނިގޮތުގައި ހުޒައިފާ އެ މަގާމަށް އައްޔަންކުރަން ނިންމީ އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މަގާމަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް އެ މަގާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމަށް ފަހު ފަނޑިޔާރުން އައްޔަނު ކުރާ ކޮމިޓީން "ހައިލީ ރިކޮމެންޑެޑް" ބޭފުޅާ ކަމަށް އެ ކޮމިޝަނަށް ލަފާދީފައިވާތީ ކަމަށެވެ.
ހުޒައިފާ ފަނޑިޔާރުކަމުގައި 14 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ހުޒައިފާ އަކީ ސުޕީރިއާ ކޯޓުތަކުގެ ތެރެއިން ކޯޓެއްގެ އިސް ގާޒީކަމުގެ މަގާމަށް އައްޔަންކުރެވުނު ފުރަތަމަ އަންހެން ބޭފުޅާ އެވެ. އެގޮތުން މިދިޔަ މާޗު މަހު އޭނާ ވަނީ ފެމިލީ ކޯޓުގެ ގާޒީ ކަމަށް އައްޔަންކޮށްފައެވެ.
ހުޒައިފާ އަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓާސް އޮފް ކޯޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ހުޒައިފާ އަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ފަތްކޮޅު އެރުވުމަށް ހަމަޖެހިފައިވަނީ 2022 ޖޫން 27 ވާ ހޯމަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!