އަމާޒަކީ ރާއްޖޭގެ ޤައުމީ ހެލްތު އިންޝުއަރެންސް ސްކީމް އިތުރަށް ފުޅާކޮށް ނަފްސާނީ ބަލިތަކުގެ ފަރުވާވެސް އޭގެތެރޭގައި ހިމެނޭގޮތް ހެދުމާއި އެކަށޭނަ އަދި ޝާމިލު ގޮތެއްގައި ސައިކޯ ސޯޝަލް ސަޕޯޓް ކަށަވަރުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ރުވާންޑާގެ ކިގާލީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ސީ.އެޗް.އޯ.ޖީ.އެމް) 2022 ގެ މަތީ ފަންތީގެ ބައްދަލުވުމުގެ ހަވާސާގައި "ރީ ތިންކިންގ މެންޓަލް ހެލްތު: އަ ކޮމަންވެލްތު ކޯލް ޓު އެމްޕަވަރ، ކެއަރ އެންޑް ޓްރާންސްފޯމް" ގެ ނަމުގައި ކުރިޔަށްދިޔަ ހަރަކާތުގައި ދެއްވި ވަރޗުއަލް ތަޤްރީރުގައެވެ.

Ad
rt

މެޑަމް ފަޒްނާ ދެއްވި ތަޤްރީރުގައި ނަފްސާނީ ބަލިތައް ތަޙައްމަލުކުރަމުން އަންނަ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައާއި ބޭނުންވާ ފަރުވާ ދިނުމުގައި ރާއްޖޭގައި ކުރިމަތިވާ ގޮންޖެހުންތައް ވަނީ ފާހަގަކުރަށްވާފައެވެ. އަދި ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ފަރަޤުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދެއްކެވިއެވެ.

މީގެ އިތުރުން ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ދާއިރާގެ ފަންނީ މީހުން މަދުވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ރާއްޖޭގެ ރަށްތައް ޤުދުރަތީ ގޮތުން އުފެދިފައި ހުންނަ ގޮތުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން މި ދާއިރާއިން މީހުން ހޯދުމުގައި ހުރި ދަތިތަކާއި، ޚިދުމަތް ބޭނުންވާ މީހުން ގިނަވުމުގެ ސަބަބުން ޚިދުމަތް ހޯދަން އިންތިޒާރުގައި މަޑުކޮށްގެން ގިނަ ބަޔަކު އަބަދުވެސް ތިބެންޖެހޭކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލައި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ އަމާޒަކީ ރާއްޖޭގެ ޤައުމީ ހެލްތު އިންޝުއަރެންސް ސްކީމް އިތުރަށް ފުޅާކޮށް ނަފްސާނީ ބަލިތަކުގެ ފަރުވާވެސް އޭގެތެރޭގައި ހިމެނޭގޮތް ހެދުމާއި އެކަށޭނަ އަދި ޝާމިލު ގޮތެއްގައި ސައިކޯ ސޯޝަލް ސަޕޯޓް ކަށަވަރުކޮށްދިނުން ކަމުގައެވެ.

މީގެ އިތުރުން އެކަމަނާ ވަނީ މި ސަރުކާރުން 2019 ވަނަ އަހަރުގެ މާރިޗު މަހު، އައި.ޖީ.އެމް.އެޗް. ގައި މެންޓަލް ހެލްތު ސެންޓަރެއް ޤާއިމުކުރައްވާފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

މެޑަމް ފަޒްނާގެ ވާހަކަފުޅުގައި ވަނީ ނަފްސާނީ ބަލިތަކާމެދު ދެކޭ ނުރަނގަޅު ގޮތްތައް ބަދަލުކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ. އަދި އޭގެ ނަތީޖާއަކަށް ވާނީ ސްކޫލްތަކާއި އެކި ތަންތަނުގައި ތިބޭ ނަފްސާނީ ބަލި ތަހައްމަލު ކުރާ މީހުން ފަރުވާއާ އެހީއަށް އެދޭ މިންވަރު އިތުރުވެ، އެމީހުންނަށް ފަރުވާ ލިބޭގޮތްވެ، އެފަދަ ފަރާތްތަކުގެ ދިރިއުޅުން ކުރިޔަށްގެންދިއުމަށް އެފަރާތްތަކަށް ދަސްވެގެން ދިއުމަށް މަގުފަހިވެގެން ދިއުންކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އެކަމަނާ ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހަރުދަނާ އަޚްލާޤީ މިންގަޑެއް ހިފެހެއްޓުމުގެ މުހިންމުކަމާއި، މި ދާއިރާ އިތުރަށް ހުޅުވާލައި ފުރުޞަތުތައް ފަހިކުރުމާއި، މި ދާއިރާއިން ދިރާސާކުރުން ފަދަ ނަފްސާނީ ބަލިތަކާ ގުޅޭ ޚިދުމަތްތަކަށް އިންވެސްޓްމަންޓުތައް އިތުރުކުރުމަށް ގޮވާލައްވާފައެވެ.