ޔޯގާ ޑޭ ފާހަގަކުރުމަށް އިއްޔެ ބޭއްވި ހަރަކާތް ފުލުހުންނަށް ނުހުއްޓުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، ފުލުހުންގެ ހަރަކާތްތައް މިއަށް ވުރެ ވަރުގަދަކުރާނެ ކަމަށް ކޮމިޝަނަރ އޮފ ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ގަލޮޅު ދަނޑުގައި އިއްޔެ ބޭއްވި ހަރަކާތް ހުއްޓުވުމަށް އެތަނަށް ބަޔަކު ވަނީ ގަދަކަމުން ވަދެގަނެފައެވެ. ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ދަނޑަށް ވަން ބަޔަކު މުޅި ތަނުގައި ދުވެ ހަޅޭއްލަވާ މީހުންނަށް އަނިޔާވެސް ކޮށްފައިވާ މަންޒަރު ފެނުނެވެ.

Ad
rt

އެ ހަމަލާގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ މީހުން އެތަނަށް ވަދެގަތީ ބޭރުގައި މުޒާހަރާ ކުރާތާ އިރުގަނޑަކަށް ފަހު، ފުލުހުން ފޫ އަޅުވާލާފައެވެ. އެހެންވެ އެތަނުގެ ސެކިއުރިޓީ އާއި ފުލުހުންގެ ހަރަކާތްތައް ހުރިގޮތާއި މެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން ސީޕީ ހަމީދު ވިދާޅުވީ ދަނޑުގެ ސެކިއުރިޓީ ފަޅާލުމަށްފަހު ދަނޑަށް ވަން މީހުން ހުއްޓުވުމަށް ފުލުހުން އަމަލުކުރި ގޮތާމެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަމަށާ މިކަމުގައި ފުލުހުންގެ އެތެރޭގެ ތަހުގީގެެއް ހިންގަމުންދާކަމަށެވެ. އަދި މިކަމުގައި މުއައްސަސާތަކުން ހިންގާ ތަހުގީގުތަަކަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި މިހާތަނަށް 6 މީހަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން އަންނަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.