ރިސޯޓްތަކުގައި ކޯވިޑް-19 ފެތުރުން އިތުރުވެފައިވާކަމަށާއި، ކަރަންޓީނާ ގުޅިގެން ރިސޯޓް މުވައްޒަފުންނާމެދު ޢަމަލުކުރާ އިހާނެތި ގޮތްތައް ހުއްޓުވައި ދިނުމަށް ޓޫރިޒަމް އެމްޕްލޯއިމަންޓް އެސޯސިއޭޝަން (ޓީމް) އިން ގޮވާލައިފިއެވެ.

ރިސޯޓް މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރި ކޮށްދިނުމަށް އުފައްދާފައިވާ ރިސޯޓު މުވައްޒަފުންގެ ޖަމްޢިއްޔާ، ޓީމުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އަނެއްކާވެސް ރިސޯޓުތަކުގެ މުވައްޒަފުން ކަރަންޓީނުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށެވެ.

Ad
rt

އެއާއެކު މިގޮތަށް ކަރަންޓީނުކުރާ މުވައްޒަފުންނަށް ކަރަންޓީނު މުއްދަތުގައި މުސާރަ ނުލިބޭ ގޮތަށް ކަރަންޓީނު މުއްދަތު ގުނުމާއި، ޗުއްޓީ އާއި އެހެނިހެން ލީވްތަކުން ކަރަންޓީނު މުއްދަތު އުނިކުރުންފަދަ ކަންކަން ހިނގަމުން އަންނަ ކަމަށް ޓީމުން ބުނެއެވެ.

މީގެއިތުރުން ވެސް ބައެއް ރިސޯޓް ތަކުން އެ ބަޔަކަށް ފެންނަ ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދިޔުމާއި، މުވައްޒަފުންނަށް ހަމަޖައްސާ ދީފައި ހުންނަ ބައެއް ކަހަލަ ލުއިތައް ނުދިނުން ފަދަ ކަންކަން ތަކުރާރު ވަމުން އަންނަ ކަން ޓީމުން ފާހަގަ ކޮށްފައި ވެއެވެ.

އެހެން ކަމުން މިފަދަ ކަންކަމަށް ސަމާލުކަން ދެއްވައި މިފަދަ ކަންކަން ހުއްޓުވައި ދިނުމަށް ޓީމުން ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ކޯވިޑާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އައުން މިދިޔަ ދެ އަހަރު ވަރަށް ބޮޑަށް މަދުވެފައި އޮތުމަށްފަހު ފަތުރުވެރިކަން އަނެއްކާވެސް ވަނީ ރަނގަޅުވާން ފަށާފައެވެ.

ދިވެހި ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ހިއްސާއެއް އަދާކުރަނީ ޓޫރިޒަމް ދާއިރާއިން ކަމަށްވާތީ، އިޤުތިޞާދީ ގޮތުންވެސް އަދި މާލީ ގޮތުންވެސް ދިވެހި ދައުލަތަށާއި ވިޔަފާރިވެރިންނަށް މިވަނީ މުހިންމު ވިޔަފާރިއެއް ކަމުގައެވެ.

އެހެން ކަމުން ކޯވިޑުން އަރައިގަތުމަށް ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖެއް ތަޢާރަފު ކުރާނެކަން ކުރިން އިޢުލާނު ކޮށްފައެވެ.