ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް ތިންސެޓުން ބަލިކޮށް، ކްލަބް ވެމްކޯ އިން އެމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ސެމީ ފައިނަލް ޕްލޭ އޮފްގައި ދިވެހި ސިފައިންގެ ކްލަބް މައްޗަށް ވެމްކޯ ކުރި ހޯދީ ސީދާ ތިން ސެޓުން ކާމިޔާބު ހޯދައިގެންނެވެ. މި މުބާރާތުގެ ކޮލިފައިން ބުރުން ފެށިގެން ވެމްކޯ ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ލީގު ބުރުގައި ސިފައިންގެ ކްލަބް އަތުން ސީދާ ތިން ސެޓުން ނެވެ. ރޭ ޕްލޭއޮފް މެޗަކީ ވަރުގަދަ ބަދަލު ހިފުމެކެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ސިފައިންނާ ދެކޮޅަށް ކުޅުނު މެޗު ފެށިގެން ނިމެންދެން ވެމްކޯ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ސެޓު ވެމްކޯ އިން ގެންދިޔައީ 25-18، ނަތީޖާ އިންނެވެ. ދެވަނަ ސެޓު 25-22 އަދި ތިން ވަނަ ސެޓު 25-22 އިންނެވެ.
މިމުބާރާތުގައި ވެމްކޯ ކުޅެމުން އަންނަނީ އިބްރާހިމް ނިޒާރު (ބޮޑޭ)ގެ ކޯޗުކަމުގައެވެ.
ރޭގެ މެޗުގައި ވެމްކޯގެ ސެންޓަ ބްލޮކަރު އަޝްވަލް ރާއީ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީވެސް އޭނާ އެވެ.
އެސޯސިއޭޝަން ކަޕްގެ ފައިނަލް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ ގަ އެވެ. ވެމްކޯ ބައްދަލުކުރަން ޖެހޭނީ ސްޕޯޓްސް ކްލަބް ސިޓީއާ އެވެ. މި މެޗު ފަށާނީ 20:15 ގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!