"ބަރާބަރަށް ދުވަންދޭ، ފަތަންދޭ، ދެންވެސް ހުރިނަމަ ހުރި ކުޅިވަރެއް ކުޅެވޭތޯ ބަލާ، އެކަމަކު މީހާގެ ބަރުދަނަކަށް ކުޑަވެސް އެނގުމެއް ނުވޭ"

މިއީ ވަރަށް ގިނަމީހުން ހިކެން މަސައްކަތް ކުރާމީހުނާއި ދިމާލަށް ބުނާ ވާހަކައެކެވެ. އެއް އުސޫލަކުން ބަލާއިރު މިވާހަކާގައި ވަރަށް ބޮޑު ހަޤީގަތެއް އެކުލެވިގެން ވެއެވެ. ބަރާބަރަށް ކަސްރަތު ކުރާއިރުވެސް ބަރުދަން ލުއި ނުވަނީ ކީއްވެގެންތޯ ބަލާލުން ވަރަށް މުހިއްމެވެ.

Ad
rt

ދޮންމަނިކުމެން ދުވަންގޮސް ތިޖައްސާ ވައްތަރުތައް ވަރަށް ރީއްޗަށް ފެނެއެވެ. ރައްޓެއްސަކާއި އެކު އޮލަވާހަކާގައި މަޑު ރާގަކަށް ހިނގަނީއެވެ. ދޮންމަނިކުމެން ތި ހިނގުމުގެ ބާރުމިނަކަށް ކުޑަވެސް ކުރިއެރުމެއް ގެންނަތަނެއް ނުފެނެއެވެ. މަދު ވަގުތުކޮޅަކު ހިނގާ ނިންމާލާއިރު ގައިން ދާހިތްލާފައިވާ ކަމުގެ ނިޝާނެއްވެސް އެންމެ ކުޑަމިނުން ފެންނާކަށް ނުހުރެއެވެ. މިގޮތައް ދުވެގެން ނުވަތަ ހިނގައިގެން ދޮންމަނިކާ އަދި ތި ބޭނުންވާ ކަހަލަ ނަތީޖާ ނުނިކުމެދާނެއެވެ. ދުވުމުގައިވެސް އަދި ހިނގުމުގައިވެސް ކުރިއެރުން ގެނެއުން މުހިއްމެވެ. ދުވާ ސްޕީޑް ނުވަތަ ދުވާ ވަގުތު ބަލައި އެކަމަށް ކުރިއެރުން ހޯދޭތޯ ބަލަން ޖެހޭނެއެވެ.

ކަސްރަތުކުރުމުގެ ނަމުގައި މޫދަށްވެސް ދޮންމަނިކުމެން ދާތަން ފެނެއެވެ. ނަމަވެސް މޫދުގައި ފައިޖެހޭ ހިސާބުގައި ފައިޖައްސައިގެން ތިބެގެން މާގިނަ ހަރަކާތެއް ނެތި ވަގުތު ފުރާލުމަށްފަހު ދޮންމަނިކުމެން ގެއަށް ދެއެވެ. ތިގޮތައް މޫދަށް ގޮސްގެން ދޮންމަނިކާ އަދި ތި ބަނޑުގައި ޖަހާފައިވާ ސަރުބީތައް ނުވިރިދާނެއެވެ. މޫދަށްގޮސް ނިކަން ހަރަކާތް ކޮށްލަންވާނެއެވެ. ފައިނުޖެހޭ ހިސާބެއްގައި ގިނައިރު ހަރަކާތް އިތުރުކުރުން ރަނގަޅުވާނެއެވެ. ފަތަން އެނގޭނަމަ ރަނގަޅަށް ފަތާލީމައި އަދި މާ ރަނގަޅުވާނެއެވެ.

ދެން ހަމައެކަނި ކަސްރަތުކޮށްގެން ދޮންމަނިކާ އަދި ފަރުޖެއްސޭކަށް ނެތެވެ. ކެއުމަށްވެސް ބަލައިލަން ޖެހޭނެއެވެ. ކެއުމުގައި ތެލާއި ހަކުރުގެ މިންވަރު މަދުކުރަންވާނެއެވެ. ނުވަތަ އެއްކޮށް ހުއްޓާލަންޖެހެއެވެ. ކެއުމުގައި ލިބޭ މިންވަރަކުން ފެހިކުލަގަދަ ފަތާއި ތަރުކާރީއާއި މޭވާއާއި އަދި މަހުގެ ބާވަތްތައް ހިމެނޭތޯ ބެލުމަކީ ދޮންމަނިކުމެންނަށް ހިކެން ފަސޭހަވާނޭ ކަމެކެވެ.

ހިކޭށޭ ކިޔައިގެން ދޮންމަނިކުމެން ހުސްބަނޑާއި ތިބޭކަށްވެސް ކޮންމެހެން ނުޖެހެއެވެ. މީގައި ރަނގަޅީ ކާ ގަޑިތަކަށް ފަރުވާތެރި ވީ ވަރެކެވެ. ދޮންމަނިކުމެންކަހަލަ ކެއުމަށް ވަރުހުންނަމީހުން ހުސްބަނޑާއި ތިހެން ގިނައިރު ތިބެފައި ކުއްލިއަކަށް އެއްފަހަރާ ތިކާލާ ކެއުމަކީ، ހިކުމަށްވުރެ ފަލަވުން ގާތްވާނެކަމެކެވެ.

"ކިޔާތީ އަޑުއެހިން ދޮންމަނިކު ފުޓުބޯޅަކުޅެންވެސް ޤަވައިދުން ދެއޭ، އެކަމަކު ދޮންމަނިކު ބަލާލާފައި ކުޑަތަންފުކެއްވެސް ހިކޭހެނެއް ހިޔެއްނުވޭ"

މިހެންވެސް ބައެއްމީހުން ކިޔާއަޑު އިވެއެވެ.

ފުޓުބޯޅަ ކުޅެންގޮސްވެސް ދެފަހަރަކު ފައި މަޅާލަފައި އައީމައި ކަސްރަތަކަށް ނުވާނެކަން ޚުދު ދޮންމަނިކުވެސް ގަބޫލުކުރާނެއެވެ. މޮޅުކޮށް ފުޓުބޯޅަ ނުކުޅެވުނަސް، ދޮންމަނިކަށްވެސް އެތަނުގައި ތަންކޮޅެއް ގިނައިން ހަރަކާތްރެރިވެ އުޅެވިދާނެއެވެ.

ދެން ދޮންމަނިކާ ކޮންމެ ކަމެއްވެސް ކުރެވޭނީ ވަރުގަދަ އަޒުމަކާއި ހިތްވަރެއް ހިތުގައި އޮވެގެންނެވެ. ދެދުވަހަކު ދުވެލާފައި، މޫދަށްގޮސް ފަތާލުމަކުން އެދެވޭ ނަތީޖާއެއް އަދި ނުނިކުމެދާނެއެވެ. އެއް އަޒުމެއްގައި ދޫނުކޮށް ހިތްވަރާއި އެކު މަސައްކަތްކުރާނަމަ، ދޮންމަނިކު ތި ބޭނުންވެގެން އުޅޭކަހަލަ ދޮންމަނިކަކަށް ވެވިދާނެއެވެ.