ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި ސިޔާސީ މަގްސަދުގައި ބޭނުން ކުރާތީ ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ.

އެމިނިސްޓްރީން މިހެން ވިދާޅުވީ މިއަދު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ދައުލަތުގެ އިސްވެރިންނާއި ދިވެހިރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން ބައިވެރިވެ ވަޑައިގެން
ކުރިޔަށް ގެންދިޔަ ހަރަކާތަށް އަމާޒުކޮށް، މުންކަރާތް ނަޙީކުރުމުގެ ނަމުގައި ހިންގާފައިވާ ކަންތައްތަކަކީ ވަރަށް ނާތަހުޒީބު ދަށު ދަރަޖައިގެ އަމަލު ތަކެއް ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައެވެ.

Ad
rt

އެބަޔާނުގައި ވިދާޅުވީ އިސްލާމް ދީނަށް ނަސްރުދިނުމުގެ ނަމުގައި ހަރުކަށިކަން ސިފަކޮށް އަނިޔާވެރިކަމަށް ގޮވާލައި މީސްތަކުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ހިންގާ މިފަދަ އަމަލުތަކަކީ އިސްލާމްދީން ދަސްކޮށްދެއްވި ރިވެތި އުސޫލުތަކާއި މިންގަނޑުތަކުން ބޭރުން ހިންގާ ޢަމަލު ތަކެއް ކަމަށެވެ.

މީގެއިތުރުން އެއްވެސް އިޚްލާސްތެރިކަމެއް ނެތި، އިސްލާމް ދީނާއި ލޮބުވެތި ނަބިއްޔާގެ ދިފާޢުގައި ކަމަށް ބުނެ ރާއްޖޭގެ ދާޚިލީ ހަމަޖެހުން ނަގާލެވޭ މޭރުމުން ބައެއް ފަރާތްތަކަށް ސިޔާސީ މަންފާއަށްޓަކައި ޙަރަކާތްތައް ހިންގާ ކަމަށާއި އެފަދަ ފަރާތްތަކުގެ މަޅީގައި ނުޖެހުމަށް ދިވެހި ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.

މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ވިދާޅުވީ ބައެއް ފަރާތްތަކުން، ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި، ސިޔާސީ މަގްސަދެއްގައި ބޭނުން ކޮށްގެން ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދަމުން ދާކަމަށެވެ.

އެހެންކަމުން މިފަދަ ކަންކަމާއި މެދު ދީނީ އިލްމުވެރިންނާއި، މުއައްސަސާތަކުން އިތުރަށް ސަމާލުވެ މުޖްތަމަޢުގެ މަސްލަހަތު އިސްކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ގަލޮޅު ދަނޑުގައި މިއަދު އޮތް ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމުގެ މައްސަލަ ސަރުކާރުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.