ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ހުރަސް އަޅާ ހަމަނުޖެހުން ހިންގި މީހުން ވީހާ އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

ސްޓޭޑިއަމްގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަނީ ވަދެގަނެ ހަމަނުޖެހުން ހިންގާފައެވެ. ޝަހަދަތުގެ ކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ވަދެ އެތަނުގައި ހަޅޭއްލަވާ އެތަނުގައި ތިބި ބައެއް މީހުންނަށް އަނިޔާދޭ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ.

Ad
rt

އެ މައްސަލާގައި މިހާތަނަށް 6 މީހަކު ހައްޔަރުކޮށްފައިވާއިރު، އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ މިކަމުގައި ސަރުކާރާއި ކަމާ ބެހޭ އިދާރާތަކުން އެޅި އަވަސް ފިޔަވަޅަށް މަރުހަބާ ކިޔާ ކަމަށެވެ. އެޕާޓީން ވަނީ މިފަދަ ހަމަނުޖެހުންތަކަށް ރާއްޖެ ފަދަ ދިމިގްރާތީ މުޖުތަމައުގައި ޖާގަ ނެތް ކަމަށް ބުނެފައެވެ.

މީގެ އިތުރަށް މި ދުވަހަކީ 2015 ވަނަ އަހަރުން ފެށިގެން ވެސް ފާހަގަކުރަމުން އަންނަ ދުވަހެއްކަމަށް އެޕާޓީން ބުނެފައިވެއެވެ.

އެ މައްސަލާގައި 6 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މައްސަލާގައި ބައިވެރިވި މީޙުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް އެ އިދާރާއިން ކުރާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ބަލަމުން އަންނަނީ ފުލުހުންގެ ސިރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ކުށްވެރިކޮށް ހަރުކަށިކޮށް މައްސަލަ ބައްލަވާނެ ކަމަށް ރައީސް ސޯލިހު ވެސް ވިދާޅުވެފައިވެއެވެ.