މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ "ހުނަވަރު ބަސް ޑްރައިވަރު ތަމްރީން ޕްރޮގްރާމް" އަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
އެމްޓީސީސީން މި ޕްރޮގްރާމް އިފްތިތާހް ކޮށްފައިވަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން މިދިޔަ މާޗް މަހުގެ އަށްވަނަ ދުވަހުއެވެ.
އެމްޓީސީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މި ޕްރޮގްރާމުގެ ދަށުން ބަސް ޑްރައިވަރުން ތިން މަސް ދުވަހުގެ ތެރޭގައި ތަމްރީނުކުރެވޭނެ ކަމަށެވެ. މި މުއްދަތުގައި 5،000 ރުފިޔާގެ އެލަވެންސެއް ވެސް ދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ހުނަވަރު ޕްރޮގްރާމްގެ ދަށުން މިފަހަރު ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ 35 ބަސް ޑްރައިވަރުންނެވެ. އެގޮތުން ދުވާލަކު ހަ ގަޑިއިރާއި އަށް ގަޑިއިރު ތަމްރީންތައް ދޭނެއެވެ.
ހުނަވަރު ޕްރޮގްރާމްގެ ދަށުން ބަސް ޑްރައިވަރުންގެ ގޮތުގައި ތަމްރީނުވުމަށް ބެނުންވާ ފަރާތްތަކުން މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އެމްޓީސީސީގެ އޮންލައިން ޖޮބް ޕޯޓަލް https://mtcc.mv/careers މެދުވެރިކޮށެވެ.
އެމްޓީސީސީން ބުނީ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެވޭނީ B1 ނުވަތަ B2 ކެޓަގަރީގެ ލައިސަންސް ހާސިލްކޮށްފައިވާ ދިވެހިންނަށް ކަމަށެވެ. އަދި 18 އަހަރު ފުރިފައިވާ، ސިއްހަތު ރަނގަޅު މީހަކަށް ވެސް ވާން ޖެހޭނެއެވެ.
އެމްޓީސީސީން ބަސް ޑްރައިވަރުން ތަމްރީން ކުރާއިރު އެ ކުންފުނިން ވަނީ ދާދިފަހުން 15 ޑަބަލް ޑެކާ ބަސް ގެނެސް ކުންފުނީގެ ފްލީޓުވެސް ބޮޑުކޮށްފައެވެ.
އެމްޓީސީސީން ފޯރުކޮށްދޭ ބަހުގެ ހިދުމަތް ރާއްޖޭގެ އެކި ސަރަހައްދުތަކައް ފުޅާކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!