ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިއަދު މާލޭގެ ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް، ބަޔަކު ދަނޑަށް ވަދެ އެ ހަރަކާތް ހުއްޓުވާފައިވަނިކޮށް، އެ މައްސަލައާއި ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ނެޝަނަލް ސްޓޭޑިއަމް ކައިރީ މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ދިވެހި ހަ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި މި ޔޯގާ ހަރަކާތް ފެށީ މިއަދު ހެނދުނު 6:30 ހާއިރު އެވެ. ހަރަކާތް ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވާ ދިދަ ހިފައިގެން "ﷲ އަކުބަރު" ގޮވަމުން ބަޔަކު ވަނީ ދަނޑަށް ވަދެގެންފަ އެވެ. އެހެންވެ ޔޯގާ ހަދަން ތިބި މީހުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ.
އެމީހުން ދަނޑަށް އަރައި، އެތަނުން ދިޔުމަށް ޔޯގާ ހަދަން ތިބި މީހުންނަށް އިންޒާރު ދީފަވެއެވެ.
މި ޔޯގާ ހަރަކާތް ފުރަތަމަ ބާއްވަން އުޅުނީ ރަސްފަންނުގަ އެވެ. ނަމަވެސް އާންމުންގެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ބުނެ ރަސްފަންނުގައި މި އިވެންޓް ބާއްވަން މާލެ ސިޓީ ކައުންސިލުން ވަނީ ހުއްދަ ނުދީފައެވެ.
ޔޯގާ ހެދުމަކީ ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ކަމެކެވެ.
ޔޯގާ އަކީ އަވަށްޓެރި އިންޑިއާގެ ސާގާފީ އަދާކާދަތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!